ބޮލީވުޑްގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ތިން އެކްޓަރުން ކަމަށްވާ ޝާހްރުކް ޚާން، ސަލްމާން ޚާން އަދި އާމިރު ޚާން އެމީހުންގެ އުމުރާ ގުޅޭ ފިލްމުތައް ކުޅެންޖެހޭ ކަމަށް އެކްޓަރު އިމްރާން ޚާން ބުނެފި އެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި އިމްރާން ބުނެފައިވަނީ އެ ތަރިން ތިރީހަކަށް އަހަރު ވަންދެން ބޮލީވުޑްގައި ރަސްކަން ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ކޮންމެ ކަމަކަށް ވެސް ނިމުން އަންނާނެ ކަމަށެވެ.

އެގޮތުން އެ ހުރިހާ ތަރިން އަދިވެސް ކުޅެނީ "ހީރޯ"ގެ ރޯލުތައް ކަން ފާހަގަ ކުރަމުން އިމްރާން ވަނީ އުމުރާއެކު އެ މީހުން ކުޅޭ ފިލްމުތަކަށް ވެސް ބަދަލު ގެންނަން ޖެހޭކަމަށް ބުނެފަ އެވެ.

"މި ޖީލުގެ ޒުވާނުންނަށް މާ ކަމުދާނެ އެ މީހުންނާ އެއް އުމުރުގެ އެކްޓަރުން ފެންނަ ފިލްމުތައް ބަލަން" އިމްރާން ބުނެފައިވެ އެވެ.

އިމްރާން އިތުރަށް ބުނީ ޝާހްރުކްއާއި ސަލްމާން އަދި އާމިރުގެ އުމުރުން ވެސް މިހާރު 60ން މައްޗަށް ގޮސްފައިވާ ކަމަށާއި އަބަދު ލީޑު ރޯލުތައް ވެސް ނުކުޅެވޭނެ ކަމަށެވެ.

އިމްރާން މި ބީދައިން ވާހަކަ ދައްކާފައިވާއިރު އެ ތިން ތަރިންގެ ތެރޭގައި ހިމެނޭ އާމިރު ޚާންއަކީ އިމްރާންއާ އާއިލީ ގޮތުން ގުޅުން އޮންނަ އެކްޓަރެއް ކަން ފާހަގަ ކޮށްލެވެ އެވެ.