ހައި ކޯޓާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރި ފަނޑިޔާރުން، އެ މަގާމުގެ ހުވާ ކޮށްފި އެވެ.

ރޭ ސުޕްރީމް ކޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ބޭފުޅުންނަށް ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

މި ބޭފުޅުން ކޯޓުތަކަށް އައްޔަންކުރަން ނިންމާފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގަ އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކޮށްފައި ވަނީ އެ ކޯޓުގެ ފަނޑިޔާރުކަން ކުރިން ވެސް ކުރެއްވި އަބްދުއް ރައޫފް އިބްރާހިމް އާއި ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ މަގާމުގައި މިހާތަނަށް ހުންނެވި އިސްމާއިލް ޝަފީއު އެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރެއްވީ ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް ހުންނެވި އަހުމަދު ނިޔާޒު އެވެ.

ހައި ކޯޓަށް އަލުން އައްޔަންކުރެވުނު ރައޫފް އަކީ މާޗު 2011 އިން މެއި 2022 އާ ހަމައަށް އެ ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ ފްލެޓެއްގެ މައްސަލައެއްގައި ޖޭއެސްސީން އޭނާ މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ.

އޭގެ ފަހުން އޭނާ ވަނީ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެ، ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ވާދަކުރައްވާފަ އެވެ. ރައޫފަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ގާނޫނީ ދާއިރާގެ ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ހައި ކޯޓަށް ދެން އައްޔަންކުރެވުނު އިސްމާއިލް ޝަފީއުއަކީ ޝަރުއީ ދާއިރާގައި ހަތް އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އިނގިރޭސިވިލާތުގެ ކާޑިފް ޔުނިވާސިޓީން ގާނޫނީ ދާއިރާގެ ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ޝަފީއު ވަނީ މީގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާގެ މަގާމު ވެސް ފުރުއްވާފަ އެވެ. އޭނާ ކްރިމިނަލް ކޯޓުގެ ގާޒީކަމާ ހަވާލުވެވަޑައިގަތީ ސެޕްޓެމްބަރު 2021 ގަ އެވެ.

ކްރިމިނަލް ކޯޓަށް އަލަށް އައްޔަންކުރެއްވި އަހުމަދު ނިޔާޒަކީ ޝަރުއީ ދާއިރާގައި 12 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ވިލާ ކޮލެޖުން ގާނޫނީ ދާއިރާގެ ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ނިޔާޒު ވަނީ 2013 ވަނަ އަހަރުން ފެށިގެން ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމު ފުރުއްވާފަ އެވެ.