ފެބްރުއަރީ 6 ވަނަ ދުވަހު އޮމާންގައި އީރާނާއި އެމެރިކާއާ ދެމެދު ބޭއްވި ނިއުކްލިއާ މަޝްވަރާތަކަކީ އުންމީދީ ފެށުމެއް ކަމަށާއި، އެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެ އެވެ.
މި މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ މެދުއިރުމަތީގައި އިތުރު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އޮތް ދަނޑިވަޅެއްގައި، މި ބައްދަލުވުމުގެ މުހިންމުކަން ވަނީ ބޮޑުވެފަ އެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އެގައުމުގެ ދައުލަތުގެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މިއީ މަޝްވަރާތަކުގެ ރަނގަޅު ފެށުމެއް ކަމަށާއި، މި މަސައްކަތް ކުރިއަށް ގެންދިއުމާ މެދު ދެފަރާތުން ވެސް އެއްބަސްވެފައިވާ ކަމަށެވެ. އަދި ކުރިއަށްދާނެ ގޮތުގެ ތަފްސީލުތައް ދެ ގައުމުން ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މަޝްވަރާތައް މިގޮތަށް ކުރިއަށްދާނަމަ، ދެފަރާތަށް އެއްބަސްވެވޭފަދަ ހަރުދަނާ އޮނިގަނޑެއް އެކުލަވާލެވޭނެ ކަމަށް ގަބޫލުކުރަން،" އަރަގްޗީ ވިދާޅުވި އެވެ. އޮމާންގެ މަސްކަޓްގައި އެގައުމުގެ ބައިވެރިވުމާއެކު ނުސީދާކޮށް ކުރިއަށްދިޔަ މި މަޝްވަރާތަކަށްފަހު، ދެ ގައުމުގެ މަންދޫބުން މިހާރު އެނބުރި ގައުމަށް ވަޑައިގަންނަވަނީ އިތުރު މަޝްވަރާތައް ކުރުމަށް އެއްބަސްވެގެނެވެ.
އީރާނުގެ ނިއުކްލިއާ މައްސަލައިގައި ހުޅަނގުގެ ގައުމުތަކާއެކު އޮތް ހިޔާލުތަފާތުވުންތައް ޑިޕްލޮމެޓިކް މަގުން ހައްލުކުރަން ދެފަރާތުން ވެސް ތައްޔާރަށް ތިބިކަން ހާމަކޮށްފައިވީ ނަމަވެސް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މާޗު 4 ގައި ވިދާޅުވީ، އީރާނުގެ ބެލިސްޓިކް މިސައިލްގެ ގާބިލުކަމާއި، ސަރަހައްދީ ހަތިޔާރު އެޅި ޖަމާއަތްތަކަށް ދޭ އެހީތެރިކަމާއި، އީރާނުގެ ރައްޔިތުންނާ މެދު އަމަލުކުރާ ގޮތުގެ މައްޗަށް ވެސް މަޝްވަރާތައް ފުޅާކުރަން ވޮޝިންޓަނުން ބޭނުންވާ ކަމަށެވެ.
ނަމަވެސް، އީރާނުގެ ރަސްމީ ނިއުސް އެޖެންސީ "އިރްނާ" އަށް މައުލޫމާތު ދެއްވަމުން އަރަގްޗީ ވިދާޅުވީ، ކޮންމެ މަޝްވަރާއެއް ވެސް ކުރިއަށްދާންވާނީ ބިރުދެއްކުމާއި ފިއްތުންތަކުން އެއްކިބާވެގެން ކަމަށެވެ. އަދި އީރާނުން އެމެރިކާއާއެކު މަޝްވަރާ ކުރާނީ ހަމައެކަނި ނިއުކްލިއާ މައްސަލައިގައި ކަމަށާއި، އެ ނޫން އެއްވެސް މައްސަލައެއްގައި ވާހަކަ ނުދައްކާނެ ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އީރާނު ކައިރީގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ ބާރުތައް ވަރުގަދަކުރަމުންދާތީ، ރައީސް ޓްރަމްޕް އީރާނަށް ހަމަލާދީފާނެ ކަމުގެ ބިރު އީރާނުގެ ލީޑަރުންގެ މެދުގައި ވަނީ ބޮޑުވެފަ އެވެ.
އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، ދެފަރާތުގެ މެދުގައި އިތުބާރު ނެތުމަކީ މަޝްވަރާތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. އަދި މިކަން ހައްލުކުރަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
2025 ވަނަ އަހަރުގެ ޖޫން މަހު، އިޒްރޭލުން 12 ދުވަސް ވަންދެން ދިން ބޮމުގެ ހަމަލާތަކުގެ އެންމެ ފަހު މަރުހަލާގައި އެމެރިކާއިން ބައިވެރިވެ، އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ހަމަލާދީފައި ވެއެވެ. އޭގެ ފަހުން ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލާފައިވާ ކަމަށް ތެހެރާނުން ބުނެ އެވެ.
އެމެރިކާގެ ކަނޑުގެ ސިފައިންގެ ބޮޑު ލަޝްކަރެއް އެ ސަރަހައްދަށް ޖަމާކޮށްފައިވަނީ، ފާއިތުވި މަހު އީރާނުގައި ކުރިއަށްދިޔަ މުޒާހަރާތައް ހުއްޓުވުމަށް އެޤައުމުގެ ސަރުކާރުން ބާރުގެ ބޭނުންކުރުމާ ގުޅިގެންނެވެ. މީގެ ސަބަބުން ވޮޝިންޓަނާއި ތެހެރާނާ ދެމެދު އޮތް ނުތަނަވަސްކަން ވަނީ އިތުރަށް ބޮޑުވެފަ އެވެ.
އެއްބަސްވުމަކަށް ނާދެވިއްޖެނަމަ "ނުރައްކާތެރި ކަންތައްތަކެއް" ހިނގާފާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފަ އެވެ. މީގެ ސަބަބުން ދެޤައުމުގެ ދެމެދުގައި ވައިގެ މަގުން ހަމަލާދިނުމުގެ އިންޒާރުތައް ބަދަލުކުރެވި، މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ، އެމެރިކާއާއި އީރާނުގެ މެދުގައި ފެށޭ ހަނގުރާމައެއް މުޅި ސަރަޙައްދަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ދުނިޔޭގެ ބާރުތަކުންނާއި އަވަށްޓެރި ޤައުމުތަކުން ދަނީ ފާޅުކުރަމުންނެވެ.
ކޮންމެ ފަދަ އަސްކަރީ ހަމަލާއަކަށް ވެސް ވަރުގަދަ ރައްދެއް ދޭނެ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ. އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި އަވަށްޓެރި އަރަބި ޤައުމުތަކުން މިފަދަ ހަމަލާއެއްގައި ބައިވެރިވެއްޖެނަމަ، އެ ޤައުމުތަކަށް ވެސް ހަމަލާ އަމާޒުވެދާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފަ އެވެ.
އަމިއްލައަށް ކަންފަތް ސާފު ކުރުމަކީ ގޯހެއް!
މިއީ އެންމެ ފުރަތަމަ ކަރިސްމާއަށް ހުށައެޅުނު ފިލްމުތަކެއް!
މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވަން ސްކޭނަރެއް ގެންނަނީ