މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހާއި ޝައްވާލު މަހުގެ 6 ރޯދަ ނިމެންދެން މާލެ ސަރަޙައްދުގައި ކުނި ނަގާނެ ވަގުތުތައް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން އާންމުކޮށްފި އެވެ.
ވެމްކޯއިން ވަނީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައިވެސް ކުނި ނަގާ ވަގުތުތަކަށް ބަދަލުގެނެސްފަ އެވެ.
ވެމްކޯއިން ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން މާލޭ ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:30 އިން 2:00އާ ދެމެދުގަ އެވެ. އަދި ހުޅުމާލެ ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:00 އިން 2:30 އަށް ކަމަށް ވެމްކޯއިން ބުންޏެވެ.
ވެމްކޯއިން ބުނީ މުލަ ރޯދަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން ވިލިމާލެއިން ގޭބީސީތަކުގެ ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:00 އިން 1:00އާ ދެމެދުކަމަށެވެ.
އެހެން މަސްތަކާ ހިލާފަށް ރަމަޟާންމަހަކީ ގޭބިސީތަކުން ކުނި އުފައްދާ މިންވަރު އިތުރު މައްސަރެކެވެ. ޚާއްސަކޮށް ރޯދަމަހު ބަދިގޭގައި އުފައްދާ ކުނި އިތުރުވެ އެވެ. އެހެންކަމުން ކޮންމެ ރޯދަމަހުވެސް ވަކި ގަޑިތަކެއްގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައިވެސް ކޮންމެ ދުވަހަކުވެސް ކުނި ނެގުމުގެ ޚިދުމަތް ވެމްކޯއިން ފޯރުކޮށްދެ އެވެ.
ރަމަޟާންމަހު ގިނައިން ބަދިގެ ކުނި އުފައްދާއިރު އެތަކެތި ބޭރަށް ނެރުމުގެ ކުރިން ރަނގަޅަށް ބަންދުކޮށްފައި ނެރުން މުހިއްމެވެ. އަދި ބިއްލޫރި ނުވަތަ ތޫނު އެއްޗެއް އުކާލާނާމަ، އެއިން ވެށިފާރަވެރިންނަށް ގެއްލުން ނުވާނެހެން ރަނގަޅަށް ބަންދު ކޮށްފައި ވަކިން ބެހެއްޓުމަކީވެސް ސަމާލުކަން ދޭންޖެހޭކަމެކެވެ.
ކުރިއަށް މިއޮތް ދުވަސްތަކަކީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ގެތަކުން ބައެއް ސާމާނު އައުކުރާނެ ދުވަސްތަކެކެވެ. އެހެންކަމުން ގޭބިސީތަކުން އުކާލާ ހިފާގެންގުޅޭ ސާމާނާއި ފަރުނީޗަރު ފަދަ ތަކެތި އުކާލުމުގައި ވެމްކޯގެ ކެޕްސް ޚިދުމަތް ހޯދިދާނެއެވެ. މިއީ ކުޑަ ފީއަކާއެކު ކުނި އުކާލުމަށް ވެމްކޯއިން ދެމުން އަންނަ ޚިދުމަތެކެވެ.
ތިލަފުށީގައި ހަދާ ވިޔަފާރި ބަނދަރު ޑިޒައިންކުރަން ހަވާލުކޮށްފި
ޕެންޝަން އޮފީހުގެ ބޯޑު މެންބަރު މާދިން ވެސް އިސްތިއުފާދެއްވައިފި