އަންނަ އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށްޓަކައި އެ ދަރަނި ރީފައިނޭންސް ކުރަނީ، ކުރީގެ ސަރުކާރާ ހިލާފަށް، ކުޑަ އިންޓަރެސްޓެއްގައި އަދި އާމްދަނީއަށް ބަލައިގެން އަނބުރާ ދެއްކޭނެ ހަރުދަނާ އިންތިޒާމުތަކެއްގެ ދަށުން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ރިޔާސީ ބަޔާން އިއްވަމުން ރައީސް މުހައްމަދު މުއިއްޒު ވަނީ ސުކޫކު ރީފައިނޭންސްކުރަން ނުވަ ޕަސެންޓަށް ވުރެ ބޮޑު ނުވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓަރު ޒަމީރު ވިދާޅުވީ 2017 ވަނަ އަހަރު ދަރުމަވަންތަ ހޮސްޕިޓަލް އެޅުމަށް ނެގި 250 މިލިއަން ޑޮލަރު ދައްކަން، ނިމިދިޔަ އެމްޑީޕީ ސަރުކާރުން 500 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކާފައިވަނީ މާލީ ބާޒާރުގައި ހުރި އަދަދަށް ވުރެ ބޮޑު އިންޓަރެސްޓު ރޭޓެއްގައި ކަމަށެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން އެ ދަރަނި ނެގިއިރު، އެއީ އަނބުރާ ދައްކަންޖެހޭ އެއްޗެއް ކަމަށް އެއްވެސް ވަރަކަށް ވިސްނާފައެއް ނުވެ އެވެ.

"އެ ނެގި އިރު، އޭރުގެ ފައިނޭންސް މިނިސްޓަރު އެއީ އަނބުރާ ދައްކަންޖެހޭ އެއްޗެެއް ކަމަކަށް އެއްވެސް ވަރަކަށް ވިސްނަވާފައެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް މިހާރު ސަވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަދި ޔޫޒަބަލް ރިޒާވްގައި އެ ދަރަނި ދެއްކުމުގެ ގާބިލުކަން އެބަހުރި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެސްޑީއެފްގައި މިހާރު 275 މިލިއަން ޑޮލަރު ހުރިއިރު، ޔޫޒަބަލް ރިޒާވްގައި 600 މިލިއަން ޑޮލަރު އެބަހުއްޓެވެ. އަދި ގްރޮސް ރިޒާވްގައި އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ހުރިކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ، މިއަދު އެ ދަރަނި އަނބުރާ ދައްކަން ޖެހުނަސް އެކަމުގެ ގާބިލުކަން ދައުލަތުގައި އެބަހުރި ކަމަށެވެ.

ދައުލަތުގެ ފިސްކަލް ހާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ޗައިނާ އިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސްކޮށްފައިވާ ކަމަށާއި، އިންޑިއާގެ ކަރެންސީ ސްވޮޕް ފެސިލިޓީ ވެސް ރޯލްއޯވާ ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން އަބޫދާބީ ފަންޑުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުން ވެސް ވަނީ ފަސް އަހަރަށް ފަސްކޮށްފައިކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒަމީރު އިތުރަށް ވިދާޅުވީ، ސުކޫކު ރީފައިނޭންސް ކުރަން ބޭނުންވާ 150 މިލިއަނެއްހާ ޑޮލަރުގެ ދަރަނި ނަގާނީ ރާއްޖޭގެ ރެވެނިއު ސްޓްރީމަށް ބަލައި، ވަރަށް ބޮޑަށް ރާވައިގެން ކަމަށެވެ. އަދި އިންޑިއާ އިން ހަމަޖައްސައިދީފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ބޭނުން އަދި މިހާތަނަށް ހިފާފައި ނުވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.