ސައޫދީ އަރަބިއްޔާގައި ރާބުއިން މަނާކޮށްފައި އޮތް 73 އަހަރުވީ އުސޫލަށް ބޮޑު ބަދަލެއް ގެނެސް، އެ ގައުމުގައި ދިރިއުޅޭ މުއްސަނދި ބޭރު މީހުންނަށް ރާ ގަތުމުގެ ހުއްދަ ސިއްރިއްޔާތުގައި ދޭން ފަށައިފި އެވެ.
މި ލުއިތައް ކުރިއަށް އޮތް ތަނުގައި ފަތުރުވެރިންނަށް ވެސް ފުޅާކުރާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެ އެވެ.
ދިހަވަރަކަށް އަހަރު ވަންދެން، ރިޔާދުގެ "ޑިޕްލޮމެޓިކް ކުއާޓާ" ފާހަގަވެފައި އޮތީ ވެރިރަށުގެ އެހެން ސަރަހައްދުތަކާ ތަފާތު ތަނެއްގެ ގޮތުގަ އެވެ. އެއީ އެމްބަސީތަކާއި އަގުބޮޑު ރެސިޑެންސްތައް ހިމެނޭ، ސައުދީގެ ޒުވާނުންނާއި ބޭރު ގައުމުތަކުގެ މީހުން ޝައުގުވެރިވާ ފަދަ ކެފޭ ސަގާފަތެއް އޮންނަ މުއްސަނދި ސަރަހައްދެކެވެ.
މިހާރު، އެ ސަރަހައްދުގައި ހުރި ނަން ނުޖަހާ އާދައިގެ އިމާރާތެއްގެ ތެރޭގައި ހުޅުވާފައިވާ ކުޑަ ފިހާރައެއް ވެގެން ގޮސްފައިވަނީ، ސައޫދީ އަރަބިއްޔާގެ ސިޔާސަތަށް އަންނަ އެންމެ ނާޒުކު އެއް ބަދަލު ތަޖުރިބާކުރާ މަރުކަޒަކަށެވެ. އެއީ މުސްލިމް ނޫން މުއްސަނދި ބޭރު މީހުންނަށް ކޮންޓްރޯލް ކުރެވިފައިވާ ނިޒާމެއްގެ ދަށުން ރާ ވިއްކުމެވެ.
އިސްލާމްދީނުގެ އެންމެ މުގައްދަސް ދެ ބިނާ ހުރި ސައޫދީ އަރަބިއްޔާގައި ރާ ވިއްކުން މަނާކުރީ 1952 ވަނަ އަހަރު އެވެ. ނަމަވެސް، ގައުމުގެ ތަސައްވުރު ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ފާއިތުވި އަހަރުތަކުގައި އެ ގައުމުން ވަނީ އިޖުތިމާއީ އަދި އިގްތިސާދީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މީގެ ބޭނުމަކީ އެ ގައުމަކީ މެދުމިނުގެ އުސޫލުތަކަށް ތާއީދުކުރާ، އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް އޮތް ތަނެއްގެ ގޮތުގައި ދެއްކުން ކަމަށް އެ ގައުމުން ބުނެ އެވެ.
ސައޫދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އިރުޝާދުގެ ދަށުން، އެ ގައުމުގައި ވަނީ ސިނަމާތައް އަލުން ހުޅުވައި، ބޮޑެތި މިއުޒިކް ފެސްޓިވަލްތައް ބާއްވައި، އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދީ، އަދި މީގެ ކުރިން ބާރުގަދަކޮށް އޮތް ދީނީ ފުލުހުންގެ ބާރުތައް ކަނޑުވާލާފަ އެވެ.
ރިޔާދުގައި ބަނގުރާ ވިއްކާ ފުރަތަމަ ފިހާރަ ހުޅުވާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. ނަމަވެސް، އޭރު އެތަނަށް ވަދެވޭނީ ހަމައެކަނި މުސްލިމް ނޫން ޑިޕްލޮމޭޓުންނަށް އެކަންޏެވެ. އެހެންނަމަވެސް، 2025 ވަނަ އަހަރުގެ ނިޔަލަށް އެއްވެސް އިއުލާނަކާ ނުލައި އަމަލުކުރަން ފެށި އައު އުސޫލުތަކުގެ ދަށުން، ސައުދީގައި ދިރިއުޅޭ މުސްލިމް ނޫން މުއްސަނދި ބޭރު މީހުންނަށް މިހާރު އެތަނުން ބިޔަރާއި ވައިން އަދި އެހެނިހެން ބަނގުރާގެ ބާވަތްތައް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
މި ފިހާރައިން ވިޔަފާރިކުރުމުގެ ހުއްދަ ލިބެނީ އަހަރަކު 100،000 ސައުދީ ރިޔާލް (27،000 އެމެރިކާ ޑޮލަރު) ދައްކައިގެން "ޕްރީމިއަމް ރެސިޑެންސީ" ހޯދާފައިވާ ފަރާތްތަކަށް ނުވަތަ މަހަކު މަދުވެގެން 50،000 ރިޔާލްގެ އާމްދަނީއެއް ލިބޭކަން ސާބިތުކޮށްދެވޭ ފަރާތްތަކަށެވެ.
ޕްރީމިއަމް ރެސިޑެންސީ ދޫކުރުމުގައި ތަފާތު ޝަރުތުތަކެއް ކަނޑައަޅާފައިވާއިރު، މިއީ އާންމުކޮށް ބޭރު ގައުމުތަކުގެ އިސްވެރިންނަށާއި، އިންވެސްޓަރުންނަށާއި، ހާއްސަ ހުނަރުތައް ހުރި ފަންނީ މީހުންނަށް ދޫކުރާ ހުއްދައެކެވެ.
ރައީސް މުއިއްޒު ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރަނީ
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
އެޕްސްޓީން ފައިލްތަކުން ހާމަވި ބިރުވެރި ބައެއް ހަގީގަތްތައް!