އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކުރުމަށްޓަކައި ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައިވާކަމަށެވެ.
މި ސަރުކާރުން މީޑިއާއާ ގާތުން މަސައްކަތްކުރުމުގައި ދެމި އޮންނާނެކަމަށް ވިދާޅުވެ، ސަރުކާރުގެ ހަރަކާތްތައް ހިއްސާކުރައްވައި ސުވާލުތަކަށް ޖަވާބުދެއްވުމުގައި، ނިމިދިޔަ އަހަރު، ރާއްޖެއާއި ބޭރުގެ މީޑީއާތައް ހިމެނޭގޮތަށް 424 ފަހަރު، ސީދާ ވަޒީރުން ވަނީ އެކި މީޑިއާތަކަށް، މައުލޫމާތާއި އިންޓަވިއު ދެއްވާފައިކަން ރައީސް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ 493 ފަހަރު ވުޒާރާތަކުގެ އެކިއެކި އިސްވެރިންވަނީ ރައްޔިތުންނަށް ބޭނުންވާ އެކިއެކި މުހިންމު މަޢުލޫމާތު މީޑިއާގެ ޒަރީއާއިން ހިއްސާ ކުރައްވާފައި ކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރެކޯޑު ހެދުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ރައީސް ބޭއްވި ނަމަވެސް އޭގެ ފަހުން މުއިއްޒު ނުބާއްވަވަ އެވެ.
ރެކޯޑު ހެދި ނޫސްވެރިންގެ ބައްދަލުވުން މުއިއްޒު ނިންމަވާލެއްވީ މީޑިއާތަކާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. ގިނަ ގިނައިން، އަވަސް އަވަހަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް އެ ދުވަހު ވިދާޅުވި އެވެ.
އެ ދުވަހަށް ފަހު މިއަދަށް 278 ދުވަސް ފާއިތުވެފައިވާއިރު ގާތްގަނޑަކަށް ތިން ގަޑިއިރު ވަންދެން މުއިއްޒު އިއްވި ރިޔާސީ ބަޔާނުގައި ވަނީ އަލުން ނޫސްވެރިންގެ ބައްދަލުވުން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.
"މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗު މަހުން ފެށިގެން އާންމު އުސޫލެއްގެ މަތިން ކޮންމެ ހަފްތާއަކު ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލުކުރާނަން،" މުއިއްޒު ޔަގީންކަން ދެއްވި އެވެ.
އޭގެ އިތުރުން ކެބިނެޓުގައި ހިމެނޭ މިނިސްޓަރުން ވެސް ކޮންމެ ހަފްތާއަކު އެއް ދުވަހު އެއް ގަޑިއިރަށް ނޫސްވެރިންނާ ބައްދަލުކުރައްވަން ޖެހޭނެ ކަމަށާއި އެކަމުގެ ތާވަލު ރައީސް އޮފީހުން ހާމަކުރަމުންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުގެ ވެރިކަމުގެ ތިންވަނަ އަހަރު ގުނަމުން އަންނައިރު، މިހާތަނަށް ބާއްވާފައިވަނީ އެންމެ ދެ ނޫސްވެރިންގެ ބައްދަލުވުމެވެ. ފުރަތަމަ ބައްދަލުވުން ބޭއްވީ ޑިސެމްބަރު 5، 2023، ގަ އެވެ. ރިކޯޑު ހެދި ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ އޭގެ 515 ދުވަސް ފަހުންނެވެ.
ނޫސްވެރިންނާއި ދުރުގައި އުޅުއްވަމުން، މުއިއްޒުގެ ސަރުކާރުން މި ފަހުން ވަނީ މިނިވަން މީޑިއާ ކޮންޓްރޯލް ކުރުމަށް ގާނޫނެއް ހަދައި، މީޑިއާ ކޮމިޝަނެއް އުފައްދާފަ އެވެ.
މި ގާނޫނު އުވައިލަން ބައިނަލްއަގުވާމީ އެކި ޖަމާއަތްތައް ހިމެނޭގޮތަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި އދ. އާއި ޔޫރަޕިއަން ޔޫނިއަން، އެމެރިކާ، އިނގިރޭސިވިލާތް، އައިއެފްޖޭ، އާރުއެސްއެފް، ސީޕީޖޭ ހިމެނެ އެވެ.
ކަންބޮޑުވުން ފާޅުކުރުމުން އިންތިހާބުގެ ޓައިމްލައިން އާންމުކޮށްފި
ގްރެމީ އެވޯޑް ހުށައެޅި ޓްރެވާއަށް ޓްރަމްޕްގެ އިންޒާރެއް!
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!