ތިނަދޫގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅަކު ހޮވުމަށް އިއްޔެ ބޭއްވި ޕްރައިމަރީ މިހާރުގެ މޭޔަރު ސައުދު އަލީ ކާމިޔާބު ކުރައްވައިފި އެވެ.

ސައުދުއާ ދެން ވާދަކުރެއްވީ ތިނަދޫ ކައުންސިލްގެ ކުރީގެ ރައީސް އަހްމަދު ނަސީރެވެ. ނަސީރަށް 418 ވޯޓު ލިބިވަޑައިގަތްއިރު، ސައުދަށް ލިބިވަޑައިގަތީ 462 ވޯޓެވެ. ދެ ބޭފުޅުންގެ ދެމެދުގައި އޮތް ފަރަގަކީ 44 ވޯޓެވެ.

ތިނަދޫ އަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ. ގާނޫނަށް ގެނައި އިސްލާހަކާއެކު ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ އަކީ މޭޔަރު ކަމަށް ވަނީ ވެފަ އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހަކީ ތިނަދޫގައި ފުރަތަމަ ސިޓީ ކައުންސިލްގެ އިންތިހާބު ބޭއްވޭނެ ދުވަހެވެ.

ތިނަދޫ ސިޓީ އަކަށް ބަދަލުކޮށްފައި ވަނީ ސައުދު އަލީ އިސްވެ ހުންނަވައި ރަށުގެ އާބާދީގެ ލިސްޓް ކަމަށް ބުނެ ސައްހަ ނޫން ލިސްޓެއް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ކަމަށް ތުހުމަތުކޮށް ފުލުހުން އަންނަނީ މައްސަލައެއް ބަލަމުންނެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އަންނަނީ އޭނާގެ މައްސަލައެއް ބަލަމުންނެވެ.