މިއަދު ބޭއްވި އެމްޑީޕީގެ ޕްރައިމަރީން ބަލިވި އަލީ އާޒިމް ބަލި ގަބޫލުކުރައްވައި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމަށް ތާއީދު އޮތްކަން ހާމަކުރައްވައިފި އެވެ.

އަލީ އާޒިމް މިރޭ ވަނީ މޭޔަރު އާދަމް އާޒިމަށް ގުޅުއްވައި އޭނާގެ ތާއީދު އޮތްކަން ހާމަކުރައްވާފަ އެވެ. އެ ފޯން ކޯލްގެ ރެކޯޑިން އަލީ އާޒިމް ވަނީ އެކްސްގައި ހިއްސާކުރައްވާފަ އެވެ.

އަލީ އާޒިމް ވިދާޅުވީ މާލޭގެ މޭޔަރު ކަމުގެ އިންތިހާބު އާދަމް އާޒިމަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ. އަދި އަބަދުވެސް އެމްޑީޕީއަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ޕްރައިމަރީގައި އާދަމް އާޒިމަށް 1،411 ވޯޓު ލިބިވަޑައިގަތްއިރު، އަލީ އާޒިމަށް ލިބިވަޑައިގަތީ 962 ވޯޓެވެ.

މީގެއިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ މޭޔަރު އާދަމް އާޒިމް ހިމެނިވަޑައިގަންނަވާހެން ޕްރައިމަރީ ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް މަރުހަބާ ދަންނަވާފަ އެވެ.