ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމްއަކީ އެ ދާއިރާގައި އޭނާ ކޮށްފައިވާ މަސައްކަތްތަކަށް ގިނަ އެވޯޑުތައް ހާސިލް ކޮށްފައިވާ ފަންނާނެކެވެ.

އެހެން ނަމަވެސް ގިނަ ބަޔަކަށް ނޭނގޭ ކަމަކީ ސޯނޫގެ ކެރިއަރުގައި އޭނާއަށް ހުށައެޅުނު އެވޯޑަކަށް އެއްވެސް ފަސްޖެހުމެއް ނެތި އިންކާރު ކޮށްފައިވާ ކަމެވެ.

ހަބަރުތައް ބުނާ ގޮތުގައި 1997 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ބޯޑާ"އަށް ސޯނޫ ކިޔައިދީފައިވާ ލަވަ "ސަންދޭސޭ އާތީހޭ"އަށް އޭނާއަށް އެވޯޑެއް ހުށައެޅުނެވެ.

އެހެން ނަމަވެސް އެ އެވޯޑަށް އޭނާ އިންކާރު ކޮށްފައިވަނީ އެ ލަވަ ކިޔުމުގައި އޭނާއާއެކު އެހެން ލަވަކިޔުންތެރިއެއް ކަމަށްވާ ރޫޕް ކުމާރު ރާތޯޑް ވެސް ބައިވެރިވެެފައިވާތީއާއި އެވޯޑް ރޫޕްއަށް ހުށައަޅާފައިނުވާތީ އެވެ.

އެގޮތުން ދެ ލަވަކިޔުންތެރިއެއްގެ ބައިވެރިވުމާއެކު ކާމިޔާބުވެފައިވާ ލަވައަކަށް ސޯނޫ އެކަންޏަށް އެވޯޑު ހުށައެޅުމުން އޭނާ އެކަން ގަބޫލު ނުކުރީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

"ސަންދޭސޭ އާތީހޭ"އަކީ މިއަދާ ހަމައަށް ވެސް ގިނަ ބަޔަކަށް ކަމުދާ ލަވައަކަށް ވާއިރު ކުރިއަށް އޮތް ފިލްމު "ބޯޑާ 2"ގައި ވެސް އެ ލަވައިގެ ރިޕްރައިޒްއެއް ބޭނުންކޮށްފައިވެ އެވެ.