މި މަހުގެ ނުވަވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް 96 މަސާޖު ޕާލާ ބަންދުކޮށްފި ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާހިޝް އަމަލުތައް އެ ވިޔަފާރީގެ ނަން ބޭނުންކޮށްގެން ހިންގަމުންދާ މަސާޖު ޕާލާތައް ބަންދުކުރުމަށް މި މަހުގެ 9 ގައި ފެށި އޮޕަރޭޝަންގެ ދަށުން މިއަދާ ހަމައަށް 96 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، އެފަދަ ތަންތަން ހިނގަމުންދަނީ އެފަދަ ތަންތަނުގެ ބޭނުން ހިފާ ފަރާތްތައް ތިބުމުންކަމީ ހިތާމަޔާ އެކީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ.
"މުޖުތަމައުން ފާހިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކުރެވޭނީ، މުޖުމަތައުގެ ހާލަތު ބަދަލު ކުރެވޭނީ، އާއްމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކެއްގެ ނިޔަތާއި އަމަލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން، އެންމެންގެ ހިޔާލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ފާހިޝް ކަންކަމާއި އެންމެހާ މުންކަރާތްތަކަށް ނޫނެކޭ ބުނާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.
ބިދޭސީ އަންހެނުން ގެނެސްގެން މަސާޖު ޕާލާ ތަކުގައި ހަށިވިއްކުމަކީ ރާއްޖޭގައި ވަރަށް އާންމު ކަމެކެވެ. ކޮންމެ ސަރުކާރަކުން ވެސް މިފަދަ ތަންތަން ބަލައިފާސްކޮށް މީހުން ހައްޔަރުކުރެ އެވެ. ނަމަވެސް މި މައްސަލައަށް މިހާތަނަށް ދާއިމީ ހައްލެއް ނުގެނެވެ އެވެ.
ނިކްއާއި މަލްތީއާއެކު ޕްރިޔަންކާ އިންޑިއާއަށް!
ހަތިޔާރު މަދުވި ކަމަށް ބުނާ ވާހަކަތައް ޓްރަމްޕް ދޮގުކުރައްވައިފި
ސިނގިރޭޓު ނުބޯ މީހުން ފުއްޕާމޭގެ ކެންސަރަށް ހުށައެޅެނީ ކީއްވެ؟
