އައްޑޫ ސިޓީ ވިލިނގިލީގައި ހިންގަމުން އަންނަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ހުޅުވައި، އެ ރިސޯޓަށް އައި ފުރަތަމަ ފަތުރުވެރިޔާއަށް މިއަދު މަރުހަބާ ކިޔައިފި އެވެ.

ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގައި އެންމެ މަތީ ފަންތީގެ ޚިދުމަތް ދެމުން އައި މި ރިސޯޓުގެ ޚިދުމަތްތައް އަލުން ފަށާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ބަންދުކުރި މި ރިސޯޓު އެއްކޮށް ހުއްޓާލިކަން އެ އަހަރުގެ އޯގަސްޓް މަހު އިއުލާންކުރުމާ ގުޅިގެން 500 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލިގެން ދިޔައެވެ.

ސަރުކާރުން މި ރިސޯޓު ހުޅުވުމަށްޓަކައި ކުންފުނީގެ މެނޭޖްމަންޓާއެކު ގިނަ މަޝްވަރާތަކެއް ކޮށް، ހުރި ގޮންޖެހުންތައް ނައްތާލުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. މިގޮތުން، ޓޫރިޒަމް މިނިސްޓްރީން ރިސޯޓަށް ޒިޔާރަތްކޮށް، ކުރަންޖެހޭ މަރާމާތުތައް ދެނެގަނެ، ގަވާއިދުގެ ތެރެއިން ބޭނުންވާ ހުއްދަތައް ދިނުމުގައި ސަރުކާރުން ވަނީ ފުރިހަމަ އެއްބާރުލުން ދީފަ އެވެ.

ރިސޯޓު ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން ނޮވެންބަރު މަހުގެ ކުރީކޮޅުން ފެށިގެން މުވައްޒަފުން ނެގުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ނޮވެންބަރު މަހު ވަނީ އެ ރިސޯޓަށް ޒިޔާރަތް ކުރައްވާފައެވެ.

ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވިގެން ދިއުމަކީ އައްޑޫ ސިޓީގެ އިގްތިސާދަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން އައްޑޫގެ ގިނަ ރައްޔިތުންނަށް ވަޒީފާގެ އާ ފުރުސަތުތައް ހުޅުވި، ސަރަހައްދުގެ ފަތުރުވެރިކަމަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.