ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް 407 ޑްރައިވަރުން ހޯދަން އިއުލާން ކުރުމުން، އެކަމަށް ކުރިމަތިލީ 366 މީހުން ކަމަށް އެމްޓީސީސީން ބުނެފި އެވެ.
ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ނުކުންނަން ނިންމީ ޓެކްސީ ޑްރައިވަރުން ކަންބޮޑުވުން ފާޅުކޮށް، އެކަމާ ދެކޮޅަށް މުޒާހަރާ ވެސް ކުރަމުން ދަނިކޮށެވެ.
ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ނުކުންނަން ނިންމީ މިހާރު ވެސް ޓެކްސީގެ ހިދުމަތަށް 1،500 އެއްހާ ކާރު ރަޖިސްޓްރީކޮށްފައި އޮންނައިރު، ޓެކްސީގެ ހިދުމަތް ހޯދުމުގައި އާއްމުންނަށް ކުރިމަތިވާ ދަތިތަކާ ހެދި ކަމަށް ބުނެ އެވެ.
އެމްޓީސީސީން 407 ޑްރައިވަރުން ހޯދަން އިއުލާނުކުރީ މިދިޔަ މަހުގަ އެވެ. އޭގެ ތެރެއިން 278 ޑްރައިވަރުން ހޯދީ ފުލްޓައިމްކޮށް މަސައްކަތްކުރާ ގޮތަށެވެ. އަދި 122 ޑްރައިވަރުން ހޯދީ ޕާޓް ޓައިމްކޮށް މަސައްކަތްކުރާ ގޮތަށެވެ. އެކަމަށް އެދި ކުރިމަތިލުމަށް ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްޓީސީސީން ބުނި ގޮތުގައި އެ މުއްދަތު ހަމަވިއިރު ޖުމްލަ 366 އެޕްލިކޭޝަން ހުށަހަޅާފައިވެ އެވެ. އެއީ ފުލް ޓައިމްކޮށް މަސައްކަތް ކުރުމަށް އެދި ހުށަހަޅާފައިވާ 188 އެޕްލިކޭޝަނަކާއި ޕާޓް ޓައިމްކޮށް މަސައްކަތް ކުރުމަށް ހުށަހެޅި 178 އެޕްލިކޭޝަނެކެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ފެށުމަށް ތައްޔާރުވަމުންދާ ޓެކްސީ ލައިނުގެ ހިދުމަތް ދެނީ އެޕްލިކޭޝަނަކުން ޓެކްސީއަށް އެދެވޭ ގޮތަށެވެ. އަދި އެ ހިދުމަތް 24 ގަޑިއިރު ދޭނެ އެވެ.
ޓެކްސީ ލައިނުގެ ހިދުމަތް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކުރިން ވިދާޅުވިޔަސް، އެ ހިދުމަތް ފެށޭނީ އަންނަ އަހަރު ކަމަށް ބެލެވެ އެވެ.
ކުރިން އެމްޓީސީސީން ބުނެފައިވާ ގޮތުގައި ޓެކްސީ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ނެގުމުގައި މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށެވެ.
ކުރިން މިނިސްޓަރު އަމީން ވިދާޅުވެފައިވަނީ އެންމެ ފުރަތަމަ ހިދުމަތަށް ނެރޭނީ 100 އުޅަނދު ކަމަށާއި އަދި އެކަމުގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ޓެކްސީތަކުގެ ތެރޭގައި ހަނި ގޯޅިތަކަށް ވަދެވޭ ފަދަ ކުދި ޓެކްސީ ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެންނެވެ. އެ ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ ގޮތަށް އޫބާ އާއި ގްރެބް ފަދަ ހިދުމަތްތައް ދޭ ގޮތަށެވެ.
22،000 އަށްވުރެ ފަސިންޖަރުންނަށް މިއަދު ހިދުމަތް ދޭނެ
އަތްވަށް ނުކުމެލަންވީ ގިނަ ސަބަބުތަކެއް!
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި