ރަޖިސްޓަރީ ކޮށްގެން ހިންގާތާ އަހަރު ދުވަސްވެފައިވާ ހުރިހާ މީޑިއާއަކަށް ވެސް ސަރުކާރުން ދޭ ފައިސާގެ އެހީ ދިނުން ހިމެނޭ ގޮތުން ބައެއް ބަދަލުތަކާ އެކު، މީޑިއާތަކަށް ދައުލަތުން ފައިސާގެ އެހީ ދިނުމުގެ އާ އުސޫލު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލައި މިއަދު ގެޒެޓްކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މީޑިއާތަކަށް ދައުލަތުން މާލީ އޭހީދޭނެ އުސޫލު ފުރަތަމަ އެކުލަވައިލީ ޔޫތު މިނިސްޓްރީންނެވެ. އޭރު އެކުލަވައިލި އުސޫލުގައިވާ ގޮތުން އެހީ ދިނުމުގެ އެއް ޝަރުތަކީ ރަޖިސްޓަރީ ކޮށްގެން ހިންގާތާ ތިން އަހަރު ވެފައި ވުމެވެ. އަދި ފައިސާ ދޭނެ އަދަދު ކަނޑައެޅުމުގައި މީޑިއާތަކުގެ މުވައްޒަރުންގެ އަދަދަށް ރިއާޔަތް ކުރުމެއް ވެސް އެ އުސޫލުގައި ނެތެވެ.
އެހެން ނަމަވެސް އެ އުސޫލު އުވާލައި، މީޑިއާ ކޮމިޝަނާ ހަވާލުކޮށްގެން އެކުލަވާލައި މިއަދު ގެޒެޓްކުރި އުސޫލުގައިވާ ގޮތުން، އެހީ ދިނުމުގެ އެއް ޝަރުތަކީ ޖެނުއަރީ 2024 އިން ފެށިގެން ރަޖިސްޓަރީކޮށް، ލައިސަންސް ލިބިގެން މެދުނުކެނޑި ހިންގަމުން ގެންދިއުމެވެ.
އާ އުސޫލުގައި އޮތް، ފާހަގަކޮށްލެވޭ އަނެއް ބަދަލަކީ މާލީ އެހީދޭނެ އަދަދު ކަނޑައަޅަން، މާކްސް ދިނުމުގައި ބަލާ ކަންތައްތަކެވެ.
މާކްސް ދިނުމުގައި ބަލާ ބައެއް ކަންތައްތައް:
- 1-2 އަހަރާ ދެމެދުގެ މުއްދަތަށް (ތިން މާކްސް)
- 3-4 އަހަރާ ދެމެދު މުއްދަތަށް (ހަތަރު މާކްސް)
- 5-6 އަހަރާ ދެމެދުގެ މުއްދަތަށް (ފަސް މާކްސް)
- 7-8 އަހަރާ ދެމެދުގެ މުއްދަތަށް (ހަ މާކްސް)
- 9-10 އަހަރާ ދެމެދުގެ މުއްދަތަށް (ހަތް މާކްސް)
- 11-12 އަހަރާ ދެމެދުގެ މުއްދަތަށް (އަށް މާކްސް)
- 13-14 އަހަރާ ދެމެދުގެ މުއްދަތަށް (ނުވަ މާކްސް)
- 15 އަހަރަށް ވުރެ މަތި ނަމަ 10 މާކްސް
މުވައްޒަފުންގެ އަދަދަށް ބަލައިގެން މާކްސް ދޭ އުސޫލުން- މުވައްޒަފުންގެ އަދަދު ތިނަކަށް ވުރެ މަދު ނަމަ ފަސް މާކްސް
- މުވައްޒަފުންގެ އަދަދު ހަތަރަކަށް ވުރެ ގިނަ އަދި ހަޔަކަށް ވުރެ މަދު ނަމަ ހަ މާކްސް
- މުވައްޒަފުންގެ އަދަދު 10 އަށް ވުރެ ގިނަ އަދި ނުވަޔަކަށް ވުރެ މަދު ނަމަ ހަތް މާކްސް
- މުވައްޒަފުންގެ އަދަދު ހަތަކަށް ވުރެ ގިނަ އަދި 12 އަށް ވުރެ މަދު ނަމަ އަށް މާކްސް
- މުވައްޒަފުންގެ އަދަދު 13 އަށް ވުރެ ގިނަ އަދި 15 އަށް ވުރެ މަދު ނަމަ ނުވަ މާކްސް
- މުވައްޒަފުންގެ އަދަދު 16 އަށް ވުރެ ގިނަ އަދި 18 އަށް ވުރެ މަދު ނަމަ 10 މާކްސް
- މުވައްޒަފުންގެ އަދަދު 19 އަށް ވުރެ ގިނަ އަދި 21 އަށް ވުރެ މަދު ނަމަ 11 މާކްސް
- މުވައްޒަފުންގެ އަދަދު 22 އަށް ވުރެ ގިނަ އަދި 24 އަށް ވުރެ މަދު ނަމަ 12 މާކްސް
- މުވައްޒަފުންގެ އަދަދު 25 އަށް ވުރެ ގިނަ އަދި 27 އަށް ވުރެ މަދު ނަމަ 13 މާކްސް
- މުވައްޒަފުންގެ އަދަދު 28 އަށް ވުރެ ގިނަ އަދި 30 އަށް ވުރެ މަދު ނަމަ 14 މާކްސް
- މުވައްޒަފުންގެ އަދަދު 31 އަށް ވުރެ ގިނަ ނަމަ 15 މާކްސް
މީގެ އިތުރުން މީޑިއާ ހައުސް ކުރިއަރުވަން ކުރާ މަސައްކަތްތަކަށް ބަލައި، އެކަމަށް ވެސް މާކްސްދޭން އާ އުސޫލުގައި އެބަ އޮތެވެ. އިދާރީ މަސައްކަތްތައް ހަރުދަނާ ކުރުމާއި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރަން ކުރާ މަސައްކަތާއި ޕަބްލިކް ސާވިސް ކޮންޓެންޓުގެ ދާއިރާ ފުޅާކުރަން ކުރާ މަސައްކަަތަކީ އެގޮތުން މާކްސްދޭނެ ކަންކަމެވެ. އެ އިން ކޮންމެ މަސައްކަތަކަށް ދޭނީ ފަސް މާކްސް އެވެ.
ފައިސާގެ އެހީ ލިބޭ މީޑިއާތަކަށް ފައިސާ ދޭނީ އާ އުސޫލުގައިވާ ގޮތުން އެއްފަހަރުންނެވެ. ކުރީގެ އުސޫލުގައި އޮތީ ތިން ފަހަރެއްގެ މަތިން ފައިސާ ދޫކުރާ ގޮތަށެވެ.
ކުރީގެ އުސޫލުގައި އެހީދޭ އުމުރެއްގެ ގޮތުގައި ތިން އަަހަރު އޮތުމުން އޭރު ޝަރުތު ހަމަވީ 18 މީޑިއާ އެކެވެ. ނަމަވެސް އާ އުސޫލުގެ ދަށުން ގާތްގަނޑަކަށް 60 މީޑިއާ އަށް މާލީ އެހީއަށް ޝަރުތު ހަމަވާނެ އެވެ.
މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުން މީޑިއާތަަކަށް ދިނުމަށް 27 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އެއީ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 ޕަސެންޓެވެ.
ވަޒީފާ އަދާކުރާ ރިސޯޓާ ކައިރިން ޒުވާނުންނަށް ބޯހިޔާވަހިކަން ދެނީ
ނަޝީދާއި ސޯލިހު ބައްދަލުކުރައްވައިފި
ޝުޖޫނަށް ފުރައްސާރަކުރުން އެޗްއާރުސީއެމުން ކުށްވެރިކޮށްފި