މެލޭޝިއާގައި ތިބެގެން އެއާ ކާގޯ އަދި ސީ ކާގޯ މެދުވެރިކޮށް، އިލެކްޓްރޯނިކް އަދި ބަދިގެ ސާމާނުތަކުގައި ހިމެނޭ އަވަނާއި ތެލި ފަދަ ތަކެތީގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އަށް ޑްރަގް އެތެރެކުރާ ތިން ދިވެހިން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފް ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި ފޮނުވަން މި ސަރަހައްދުގެ ބައެއް ގައުމުތަކުގައި ދިވެހިން ގާއިމްވެ ތިބޭ ކަމަށާއި އޭގެތެރޭގައި މެލޭޝިއާ އާއި ތައިލެންޑް ހިމެނޭއިރު އިންޓަޕޯލް މެދުވެރިކޮށް އެ މީހުން ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ނާއިފް ވިދާޅުވީ މެލޭޝިއާގައި ތިބެގެން އެއާ ކާގޯ އަދި ސީ ކާގޯ މެދުވެރިކޮށް، އިލެކްޓްރޯނިކް އަދި ބަދިގެ ސާމާނުތަކުގައި ހިމެނޭ އަވަނާއި ތެލި ފަދަ ތަކެތީގައި މަސްތުވާތަކެތި ކޮންސީލްކޮށްގެން ޑްރަގްސް އެތެރެކުރާ ތިން ދިވެހިން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ބޮޑެތި ކުށުގެ ރިކޯޑު އޮތް މީހުން ވެސް އެބަތިބި ކަމަށް ނާއިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ތިބެގެން ޑްރަގު ފޮނުވިޔަސް އެފަދަ ޖިނާއީ ކުށްކުރާ މީހުން، އިންޓަޕޯލް ރެޑް ނޯޓިސް މެދުވެރިކޮށްގެން ރާއްޖެ ގެނެސް، ތަހުގީގު ކުރިއަށްގެންދާނެ ކަމަށެވެ. އެހެންވެ، މިހާރު ކުރަމުން އަންނަނީ އެ ނޯޓިސް ނެރުމުގެ މަސައްކަތް ކަމަށް ފުލުހުން ބުންޏެވެ.

ޑްރަގްގެ ތުހުމަތުތައް ކުރެވޭ މީހުން ރާއްޖެއިން ފިލައިގެން ދާން އުޅެނިކޮށް ހިފަހައްޓާފައިވާ ކަމަށާއި އަދި ގެރެންޓާއިންގެ ގޮތުގައި ބޭރު ގައުމަށް ދިއުމާއި ރަހީނުކުރުން ފަދަ ކަންކަމާ ހެދި ގައުމުތަކުގެ އެހީތެރިކަން ވެސް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރީގެ އިތުރު ޓްރެންޑަކާ ހެދި ވެސް ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނާއިފް ވިދާޅުވި ގޮތުގައި ސްކޫލު ނިންމާފައި، ވަޒީފާއަށް ނުގޮސް ތިބި ކުދިންނަށް ހާއްސަކޮށް ސޯޝަލް މީޑިއާގެ ކްލޯސްޑް ގްރޫޕުތަކުގައި މަސްތުވާތަކެތީގެ އެކި މުއާމަލާތްތައް ކުރަން ދައުވަތު ދެމުންދާ ކަމަށެވެ. އެހެންވެ، އެކަމަށް، ބެލެނިވެރިން ސަމާލުވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.