ނަމާދުކުރާ މީހާގެ ކުރިމަތިން މީހުން ހުރަސްކުރުން ހުއްޓުވުމަށްޓަކައި ހާއްސަކޮށް ތައްޔާރުކޮށްފައިވާ ސުތުރާތައް މިސްކިތްތަކުގައި ބެހެއްޓުމަކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައެޅުމާ ގުޅިގެން، އެފަދަ ތަކެތި މިސްކިތްތަކުން ނަގަން ނިންމައިފި އެވެ.

ސުތުރާއަކީ ނަމާދަށް ހުންނަ މީހާގެ ކުރިމަތީގައި ބަހައްޓާ ފާހަގައެކެވެ. މި ފަހަކަށް އައިސް މި ބޭނުމަށްޓަކައި ތަފާތު ޑިޒައިންތަކަށް ލަކުޑިން ހަދާފައި ހުންނަ ތަކެތި ނުވަތަ އެހެނިހެން ސާމާނު މިސްކިތްތަކުގައި ބޭނުންކުރުން ވަނީ އާންމުވެފަ އެވެ. މިކަމާ ގުޅޭގޮތުން ފަތުވާ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސުތުރާގެ ގޮތުގައި ބޭނުންކުރުމަށް ވަކި ހާއްސަ އެއްޗެއް އުފައްދައިގެން ގެންގުޅުމަކީ އިސްލާމީ ޝަރީއަތުގެ މިންގަނޑުތަކުން ބަލާއިރު އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިސްކިތްތަކުގެ ތެރޭގައި މިހާރު ހުރި މިފަދަ ތަކެތި ނެގުމަށްޓަކައި ކައުންސިލްތަކުގައި އެދޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ކީރިތި ރަސޫލާގެ ޒަމާނުގައާއި، އަސްހާބު ބޭކަލުންނާއި އޭގެ ފަހުން އައި މާތް ތިން ގަރުނުގެ ތެރޭގައިވެސް އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށެވެ. އަދި ސުންނަތުގައިވާ ސުތުރާގެ މަފްހޫމާ ހިލާފަށް މިފަދަ އާދަތައް ފެތުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވަކިން ހަދާފައިވާ ތަކެތީގެ ބަދަލުގައި މިސްކިތުގެ ތަނބުތަކާއި ފާރުތައް ފަދަ ތަންތަން ސުތުރާގެ ގޮތުގައި ބޭނުންކުރުމަށް ޑރ. ޝަހީމް ވަނީ އިރުޝާދު ދެއްވާފަ އެވެ.