ރާއްޖެއިން އާއްމުންނަށް ބޭނުންވާ ޑޮކްޓަރީ ބޭސް ލިބުން ދަތިވާތީ އެ މައްސަލައާ ގުޅިގެން ބޭސް އެތެރެކުރުމުގައި ހަރަކާތްތެރިވާ އާސަންދަ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިއްޖެ އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުވި ސިޓީއެއްގައި ކުޑޫ ވަނީ މިދިޔަ އަހަރުން ފެށިގެން ބޭސް ސިޓީއަށް އަމިއްލަ ބޭސްފިހާރަތަކުންނާއި އާސަންދައިގެ ދަށުން އަދި އެސްޓީއޯއިން ބޭސް ނުލިބޭ ކަމުގެ މައްސަލަތައް އާންމުން ހުށަހަަޅަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

"ހަކުރު ބަލި، ކެންސަރު އަދި ލޭގެ ޕްރެޝަރު ފަދަ ބަލިތަކަށް ބޭނުންވާ ބޭހަކީ އެ ލިބޭނޭ ގޮތް އަބަދުވެސް ކަށަވަރުވާން ޖެހޭ ބޭސްތަކެއް. މިކަމަކީ ވޭތުވެދިޔަ އެއްވެސް ސަރުކާރެއްގައި މިގޮތަށް ހިނގި ކަންކަމެއް ނޫން. މުޅި ދުނިޔެއަށް ދިމާވި ކޮވިޑު ގެ އާލަމީ ވަބާގެ ތެރޭގައިވެސް ބޭސް ލިބުން މިހާދައްޗެއް ނުވޭ،" ކުޑޫގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ކުޑޫ އެދުނީ އެ ދެ އިދާރާ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރު ކޮށްދިނުމަށެވެ. ކުޑޫގެ ސިޓީގައި ވަނީ ބައެއް ބާވާތްތަކުގެ ބޭސް ރާއްޖެއިން އެއްވެސް ވަރަކަށް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ބޭސް ފަދަ އަސާސީ ހިދުމަތަކަށް މިފަދަ ލޮޅުންތަކެއް އަރައިގެން މިއުޅެނީ ކީއްވެތޯ މިހާރުން މިހާރަށްވެސް ބަލައި މިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅިގެންދިޔުމަކީ އާއްމު ސިއްހަތު ރައްކާތެރިކުރުމަށް ކޮންމެހެން ބޭނުންކަމެއް." އެ ސިޓީގައިވެ އެވެ.

ބޭސް ނުލިބޭ މައްސަލާގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވަނީ ކުޑޫ އެވެ. އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ޓަކައި ނޮވެމްބަރު 26، ގައި ކުޑޫ ހުށަހެޅި މައްސަލަ ވެސް ބަލައިގަނެފައެއް ނުވެ އެވެ. އެ މައްސަލަ ބޭރުކޮށްލީ ޕީއެންސީ މެމްބަރުންނެވެ.

ބޭހުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި، ބޭހަށް ޚާއްސަ ކުންފުންޏެއް ވެސް އުފައްދައިފަ އެވެ.

ބޭހަށް ޚާއްސަ ކުންފުނި އުފެއްދިއިރު، މިހާރު ވެސް ސައްތައިން ސައްތަ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި، އެސްޓީއޯއިން އަންނަނީ ރާއްޖެއަށް ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނެސް ވިއްކަމުންނެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެސްޓީއޯގެ ބޭސް ފިހާރަތައް ވެސް ވަނީ ގާއިމްކޮށްފަ އެވެ.

ބޭހަށް ޚާއްސަ ކުންފުންޏެއް އުފެއްދިތާ ދެ މަސްވިއިރު ވެސް ބޭސް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެފައި އޮއްވައި، ރާއްޖެއަކީ ބޭސް އުފައްދާ ތަނަކަށް ހެދިދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ މިފަހުން މަޖިލީހުގައި ވެސް ވިދާޅުވެފަ އެވެ.