މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ތެރޭގައި އޮތް ވާދަވެރިކަން ބޮޑުވެފައި އޮއްވައި، މޭޔަރުގެ ރޭހުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރައްވާ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މާލޭގެ މޭޔަރުގެ ރޭހުގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވަނީ މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމެވެ. މި ދެބޭފުޅުންގެ މެދުގައި ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ދަނީ ބަހުގެ ހަމަލާތައް ރައްދުކުރައްވަމުންނެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި އެމްޑީޕީ އޮތީ ދެ ފެކްޝަނަކަށް ބެހިފަ އެވެ. އެއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބުރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަން އެވެ. އޭގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް އަލީ އާޒިމް ނިސްބަތްވާއިރު މިހާރުގެ މޭޔަރު އާދަމް އާޒިމް ނިސްބަތް ވަނީ ރައީސް ޞާލިހުގެ ފެކްޝަނަށެވެ. މި ދެބޭފުޅުންގެ ކެމްޕޭނު ވެސް ކުރިޔަށް ގެންދަނީ ދެ ފެކްޝަނުން ވަކިންނެވެ.
މީގެ ކުރިން އަޑު ފެތުރުނު ގޮތުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ކެމްޕޭނު ކުރައްވަނީ އަލީ އާޒިމް އަށެވެ. އެހެން ނަމަވެސް ޝާހިދު ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ޕާޓީގެ ރައީސްގެ މަގާމުގައި ހުރެ ވަކި ކެންޑިޑޭޓަކަށް އެތެރޭގެ އިންތިޚާބެއްގައި ތާއީދު ކުރުމަކީ ގަބޫލުކުރައްވާ އުސޫލެއް ނޫން ކަމަށެވެ.
އެފަދައިން ވިދާޅުވެ ޝާހިދު ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. ހަމައެއާއެކު އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރައްވާ ހުރިހާ ބޭފުޅުންނާއެކު ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށްޓަކައި ހުރިހާ މަސައްކަތެއްކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
"މާތްﷲގެ ހެޔޮ ރަހުމަތްފުޅުން މި އިންތިޚާބު އެމްޑީޕީއަށް ބޮޑުކޮށް ކާމިޔާބު ކުރެވޭނެ،" ޝާހިދު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މޭޔަރުކަމުގެ ޓިކެޓަށް އެމްޑީޕީގެ ތެރޭގައި ބޮޑު ވާދަވެރިކަމެއް އޮތް އިރު، ރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން ވެސް އެހާ ބޮޑެވެ. އެގޮތުން ޞާލިޙާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ ރިޔާސީ ރޭހަށް ނުކުންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި ޝާހިދު ވެސް އެ ޝައުގުވެރިކަން ގެންގުޅުއްވާއިރު އޭނާ މިހާތަނަށް އިއުލާނެއް ނުކުރައްވައެވެ. ފައްޔާޒާއި ނަޝީދު އެކުގައި މަސައްކަތްކުރައްވާއިރު، ޝާހިދާއި ޞާލިޙް ފެންނަނީ އެކުގައި މަސައްކަތްކުރައްވާ މަންޒަރެވެ.
އަންނަ މަހުގެ 10 ގެ ކުރިން ފޮތްތައް ފޮނުވައި ނިންމަނީ
ދުޅަހެޔޮ ސިއްހަތަކަށް ދުވާލަކު 10،000 ފިޔަވަޅު ބޭނުންވޭ!
ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓް ހޯދަން 129 ކެނޑިޑޭޓުން