އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އާއްމުކޮށް، ޝަކުވާއަށް ހޯމަ ދުވަހުގެ ރޭ ހުޅުވާލައިފި އެވެ.
ވެރިކަން ކުރާ ޕާޓީން ނެރުނު އިއުލާނެއްގައިވާ ގޮތުން، އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީގައި ޖުމްލަ 308 ކެންޑިޑޭޓުން ވާދަކުރާނެ އެވެ. އެއީ ކައުންސިލްތަކަށް 183 އަދި އަންހެނުންގެ ކޮމިޓީތަކަށް 121 މީހުންނެވެ.
ޕީއެންސީން ވަނީ ޕްރައިމަރީއާ ގުޅޭ ޝަކުވާއެއް އޮތް ނަމަ، އެކަމަށް ހާއްސަ ކޮށްފައިވާ ނަމްބަރު 9323686 އަށް ގުޅައި އެކަން ހިއްސާކުރަން އެދިފަ އެވެ.
އިންތިހާބަށް ޕީއެންސީން ކަނޑައަޅާފައިވާ މެނޭޖަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ، ހުރިހާ ދާއިރާއަކަށް އެ ޕާޓީގެ ކެންޑިޑޭޓުން ވާދަކުރާނެ ކަމަށާއި ޕްރައިމަރީއަކަށް ނުގޮސް، ޓިކެޓް ލިބުނު ކެންޑިޑޭޓުންނަށް ޕޯޓަލް އިން އެކަން ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެެވެ.
ޕީއެންސީން މި ފަހަރު ނިންމާފައި ވަނީ އެ މީހަކު ނިސްބަތްވާ ރަށެއްގައި ޕްރައިމަރީގެ ވޯޓުލުން ބާއްވާށެވެ.
ހުރިހާ ދާއިރާއަކަށް ޕީއެންސީން ކެންޑިޑޭޓުން ނެރޭއިރު 26،000 މީހުން ޕްރައިމަރީގައި ވޯޓުލާނެ ކަމަށް ޕީއެންސީން ލަފާކުރެ އެވެ.
އަންނަ އޭޕްރީލް 4 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލު އިންތިހާބު އަދި އަންހެނުންގެ ކޮމެޓީތަކަށް އިންތިހާބުކުރާނީ، ކޮންމެ ތަނަކަށް 681 މީހުންނެވެ. އެއީ، ދެ އިންތިހާބުގައި ޖުމްލަ 1،362 މީހުންނެވެ.
އިދިކޮޅު އެމްޑީޕީން ވެސް ވަނީ ކައުންސިލް އިންތިހާބުގެ ޕްރައިމަރީ އަންނަ މަހުގެ 16 ގައި ބާއްވަން ތައްޔާރުވަމުންނެވެ. އެ ޕާޓީގެ ޕްރައިމަރީގައި 129 ކެންޑިޑޭޓުން ވާދަކުރާނެ އެވެ.
ހިރިމަރަދޫގައި މީހުން އުޅެނިކޮށް ކައުންސިލް އުވާލިކަމުގެ ތުހުމަތު
އާ ޓާމިނަލް އިން އެމިރޭޓްސް އަށް ހިދުމަތް ދޭން ފަށައިފި
ހުޅުމާލެ ދެވަނަ ފިޔަހީގެ އާ މިސްކިތް ހުކުރު ދުވަހު ހުޅުވަނީ