ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ފެނަކަ ކުންފުންޏަށް އެކަނި ވެސް މިދިޔަ އަހަރު 437 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ސަރުކާރު ކުންފުނިތައް ތެދަރަނިވެރިވެފައިވާކަމަށް ބުނެ އަޑުތައް ގަަދަވެފައިވާ މި ދަނޑިވަޅުގައި ޕީސީބީން އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު ފެނަކައަށް 208 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ. އެއީ، އޭގެ ކުރީ 2023 ވަނަ އަހަރު އެ ކުންފުންޏަށްވީ 811 މިލިއަން ރުފިޔާއާ އަޅާބަލާއިރު ރަނގަޅު ވުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް ފެނަކައަށް ވަނީ 33.72 މިލިއަން ރުފިޔާގެ ގެއްލުންވެފަ އެވެ.
ފެނަކައަކީ ސިޔާސީ ހަރުގެއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާ ކުންފުންޏެވެ. އެގޮތުން އަބަދުވެސް އެއްވެސް އިއުލާނަކާއި ނުލައި އިންތިޚާބުތަކާއި ދިމާކޮށް އެތައް ބަޔަކަށް ވަޒީފާތައް ބަހާކަމުގެ ތުހުމަތުތައް ވެސް ކުރެ އެވެ. ހަމަ އެއާއެކު ފެނަކަ އަކީ އަބަދުވެސް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ވެސް ކުރެވޭ ކުންފުންޏެކެވެ. އެގޮތުން ފެނަކަ އަކީ ގެއްލުމުގައި ހިންގާ ކުންފުންޏެއް ކަމަށް ސަރުކާރުން ވެސް އަންނަނީ ބުންމުންނެވެ.
ފެނެކައިގެ އިތުރުން މިދިޔަ އަހަރު އެންމެ ބޮޑަށް ގެއްލުންވީ އާރްޑީސީ އަށެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު 229 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ. އެއީ، އޭގެ ކުރީ އަހަރު އެ ކުންފުންޏަށް ލިބުނު 173 މިލިއަން ރުފިޔާގެ ގެއްލުމާ ބަލާއިރު އިތުރުވުމެކެވެ. އެ ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް 113.73 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފެނަކައާއި އާރްޑީސީއަކީ ވެސް ކޮރަޕްޝަންގެ ތުހުމަތު ވަރަށް ބޮޑަށް ކުރެވޭ ދެ ކުންފުންޏެވެ. އެ ތުހުމަތުތައް ކުރެވޭއިރު 2021 ގެ ފަހުން އާރްޑީސީ އޮޑިޓްކޮށްފައެއް ވެސް ނުވެ އެވެ.
ޕީސީބީގެ ހިސާބުތަކުން އެނގޭ ގޮތުގައި ސަރުކާރު ކުންފުނިތަކުގައި މިދިޔަ އަހަރު 39،000 އެއްހާ މުވައްޒަފުން ތިއްބެވެ. އެއީ، 2023 ވަނަ އަހަރު ހުރި 35،000 އާ ބަލާއިރު 4،000 އެއްހާ މުވައްޒަފުންގެ އިތުރުވުމެކެވެ. ކުންފުނިތަކުގައި ތިބޭ މުވައްޒަފުންގެ އަދަދު އިތުރުވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރެ އެވެ.
ސަރުކާރު ކުންފުނިތައް ގެއްލުމުގައި ހިންގަން ޖެހުމުން އެ ކުންފުނިތައް ހިންގަން ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހެ އެވެ.
މިދިޔަ އަހަރު ކުންފުނިތަކަށް ކެޕިޓަލްގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ސަބްސިޑީގެ ގޮތުގައި ވެސް ކުންފުނިތަކަށް މިދިޔަ އަހަރު ވަނީ 3.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފަ އެވެ. އެހީގެ ގޮތުގައި ވެސް ކުންފުނިތަކަށް 221 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ދަރްމެންދްރާގެ މަރަށްފަހު އޭނާގެ އާ ފިލްމެއް!
ވޯލްޑް ކަޕް 2026ގެ ލޯގޯ އިން ރަމްޒުކޮށްދެނީ ކޮން ކަމެއް!؟
ސަރުކާރު ކުންފުނިތަކުގެ ޒިންމާއަކީ ސިޔާސީ އެޖެންޑާއަށް ހަދައިފި