ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާއި އަނބިކަނބަލުން ބުޝްރާ ބީބީއާ ދެކޮޅަށް އިތުރު 17 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
އެ ދެ ބޭފުޅުންނާ ދެކޮޅަށް ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، 17 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، އިމްރާންޚާން މިހާރު ވެސް ގެންދަވަނީ 14 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. މިހާރު ތަންފީޒުކުރަމުން ގެންދާ 14 އަހަރުގެ ޖަލު ހުކުމް އިމްރާންޚާން އަށް އިއްވާފައި ވަނީ 2023 ވަނަ އަހަރުގަ އެވެ.
އިމްރާން ޚާންގެ ސަރުކާރު ވައްޓައިލާފައި ވަނީ 2022ވަނަ އަހަރުއެވެ. އެއަށް ފަހު، އޭނާއާ ދެކޮޅަށް ގިނަ އަދަދެއްގެ ދައުވާ ވަނީ ކޮށްފަ އެވެ. އޭގެ ތެރޭގައި ގިނައީ ކޮރަޕްޝަންގެ މައްސަލަތަކެވެ. މީގެ އިތުރުން ދައުލަތުގެ ސިއްރުތައް ހާމަކުރެއްވުމާއި، ނިރުބަވެރިކަމާ ގުޅޭ މައްސަލަތަކެއްގައި ވެސް އޭނާއާ ދެކޮޅަށް ވަނީ ދައުވާ އުފުލާފައެވެ. ނަމަވެސް، އިމްރާންޚާން ގެންދަވަނީ އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކަށް އިންކާރު ކުރައްވަމުންނެވެ.
އިމްރާން ޚާނާއި އޭނާގެ އަނބިކަނބަލުންނަށް އިތުރު ޖަލު ހުކުމެއް އިއްވާފައި މި ވަނީ، ދައުލަތަށް ހަދިޔާގެ ގޮތުގައި ލިބިފައިވާ އަގުބޮޑު ތަކެތި ބާޒާރުގައި ވިއްކަވައި، ދަށް އަގެއްގައި އެ ތަކެތި އަމިއްލަފުޅަށް ބައްލަވައިގަތުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައެޅުމަށްފަހުއެވެ.
އޭގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ހަދިޔާގެ ގޮތުގައި ދެއްވާފައިވާ ގިނަ އަދަދެއްގެ މޮޅެތި، އަދި އަގުބޮޑެތި މަރުކާތަކުގެ ގަޑި ހިމެނޭ ކަމުގައި ދައުލަތުން ބުންޏެވެ.
އިމްރާންޚާންގެ ގާނޫނީ ޓީމުން ބުނީ، އޭނާއާއި އޭނާގެ އަނބިކަނބަލުންނާ ދެކޮޅަށް އިތުރު ހުކުމެއް އިއްވާފައި ވަނީ ދިފާއުގައި ވަކާލާތު ކުރުމުގެ ފުރުސަތު ދިނުމެއް ނެތި ކަމުގައެވެ. އަދި، ބޮޑު ޖޫރިމަނާއެއް ދެެއްކުމަށް ވެސް ކޯޓުން ހުކުމް ކޮށްފައިވާ ކަމުގައި އިމްރާން ޚާންގެ ގާނޫނީ ޓީމުން ބުންޏެވެ. އިމްރާންޚާނާ ދެކޮޅަށް އިއްވާފައިވާ 17 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަން ފަށާނީ، އޭނާ މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ 14 އަހަރުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުންނެވެ.
ޝަމްއާން ބަންދުން ދޫކުރެވެން ނެތްކަމަށް ނިންމައިފި
ތެލުލި ކެއުންތަކުން ނަފްސާނީ ބަލިތަކަށް މަގުފަހިވޭ: ދިރާސާ
ވޯލްޑް ކަޕް ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމް 50 މިލިއަނަށް