ހޮލީވުޑަށް މިފަހުން އަންނަ އެންމެ ބޮޑު އަދި އެންމެ ފާހަގަ ކޮށްލެވޭ ބަދަލުގެ ގޮތުގައި އެކަޑަމީ އޮސްކާ އެވޯޑްސް ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ގޮތް ބަދަލުވާން ތައްޔާރުވެއްޖެ އެވެ.

އެކަޑަމީ އޮފް މޯޝަން ޕިކްޗާސްއާއި ޔޫޓިއުބްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން 2029 ވަނަ އަހަރުން ފެށިގެން 2033 ވަނަ އަހަރާ ހަމައަށް އޮސްކާ އެވޯޑްސް ސްޓްރީމް ކުރުމުގެ އެކްސްކްލޫސިވް ރައިޓްސް ލިބޭނީ ޔޫޓިއުބް އަށެވެ.

މިއާއެކު އޮސްކާ އެވޯޑްސް ސެޓެލައިޓް މެދުވެރިކޮށް ދައްކަމުން އައި އައުން ނިމި ވެބް ލައިވްއަކަށް ބަދަލުވީ އެވެ. އެހެން ކަމުން ދެން ބެލުންތެރިންނަށް އެއްވެސް އަގަކާ ނުލައި ވަގުތުން އޮސްކާ ބަލާލެވޭނެ އެވެ.

މިހާތަނަށް އޮސްކާ އެވޯޑްސް ދައްކަމުން އައީ އެމެރިކާގެ ޓީވީ ޗެނަލެއް ކަމަށްވާ އޭބީސީއިންނެވެ. އެ ޗެނަލުން އޮސްކާ ދައްކަމުން އަންނަތާ ބައި ގަރުނަށްވުރެ ގިނަ ދުވަސް ވެދާނެ އެވެ.

އަހަރުތަކުގެ ތެރޭގައި އޮސްކާ އެވޯޑްސް ބަލާ މީހުންގެ އަދަދު ބޮޑު ތަނުން ދަށްވެފައި ވާއިރު މި ފިޔަވަޅަކީ އެކަމަށް އެޅޭ ހައްލެއް ކަމަށް އެކަޑަމީ އޮފް މޯޝަން ޕިކްޗާސްއިން ބުނެ އެވެ.

މުނިފޫހި ފިލުވުމުގެ ދާއިރާގެ އެންމެ ބޮޑު އެއް ހަފްލާގެ ގޮތުގައި ފާހަގަ ކުރެވޭ އޮސްކާ އެވޯޑްސްގެ 2026 ވަނަ އަހަރުގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ.