ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1.3 މިލިއަން އަކަފޫޓުގެ ބިޔަ ބިމެއްގައި ލަގްޒަރީ ހައުސިން މަޝްރޫއުއެއް ހިންގާނެ ފަރާތެއް ހޯދަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާން ކުރި އެވެ. މި މަޝްރޫއަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަން އެޗްޑީސީން ދީފައިވަނީ އެންމެ 6 ދުވަހެވެ. މިއީ މިފަދަ މަޝްރޫއުތައް މީގެކުރިން ހިންގާއިރު އަމަލުކުރާ އާންމު އުސޫލާ މުޅިން ހިލާފު ކަމެކެވެ. ބިލިއަނަކަށް ވުރެ އަގުބޮޑު މި މަޝްރޫއު ކުރިއަށްގެންދާނެ ބަޔަކު ކުރިމަތިލާން އެންމެ ހަ ދުވަސް ދިނުމަކީ ރައްޔިތުންގެ ލޮލުގައި އަދުން އަޅުވައިގެން ފާޅުގައި ދައުލަތުގެ ބިންތައް ބޭނުން ބަޔަކަށް ބަހާލުމެވެ.

މައިގަނޑު ސަބަބަކީ ބީލަން ހުށަހަޅަން ދީފައިވާ އާދަޔާ ހިލާފު ކުރު މުއްދަތެވެ.

"ހުރިހާ"އާ ވާހަކަ ދެއްކި ވިޔަފާރިވެރިޔަކު ބުނީ މިފަދަ މަޝްރޫއަކަށް 6 ދުވަހުގެ ތެރޭގައި ފަންނީ ދިރާސާތައް ހަދައި، ފައިނޭންޝަލް މޮޑެލްތައް ތައްޔާރުކޮށް ބިޑު ހުށަހެޅުމަކީ އާންމު އިންވެސްޓަރަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އޭނާ ބުނީ މި އިއުލާނަކީ ވަކި ބަޔަކަށް "ފަހާފައިވާ ކޯޓެއް" ކަމަށެވެ. އިއުލާން ކުރީމޭ، ބިޑަށް ލީމޭ ބުނުމުގެ ނަމުގައި ކުރި ކަމެކެވެ.

"މި ބިން ވިއްކާލާ ފަރާތް މިހާރު އޮންނާނީ ކަނޑައަޅައި ނިންމާފައި. އެ ފަރާތާއެކު ހަދަންޖެހޭ ޑީލްތައް މިހާރު އޮންނާނީ ހަދައި ނިމިފައި. މިނޫންގޮތަކަށް މިކަން ނުދާނެ،" އެ ވިޔަފާރިވެރިޔާ ކިޔައިދިނެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނުގައި ވަނީ އެ މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ކަމަށެވެ.

މިއަށް ވުރެ ކުދި މަޝްރޫއުތައް ހިންގާނެ ބަޔަކޯ ހޯދަން މިއަށްވުރެ ދިގު މުއްދަތެއްގެ އިއުލާން މީގެ ކުރިން ކޮށްފައިވެ އެވެ. މި މަޝްރޫއަށް ދޫކުރަނީ 125,387.81 އަކަފޫޓުގެ ބިމެކެވެ. މަޝްރޫއު ހިންގާ ފަރާތަށް ބޭނުންކުރަން ލިބޭ ޖުމުލަ ސަރަހައްދު 1.3 މިލިއަން އަކަފޫޓަށް އަރަ އެވެ. މީގެ ތެރޭގައި ހުޅުމާލޭގެ އެންމެ ހިތްގައިމު އެއް ސަރަހައްދު ކަމަށްވާ ޗެނެލް ޕާކް ވެސް ހިމެނެ އެވެ.

މި އިއުލާނަކީ "ވަކި ބަޔަކަށް ފަހާފައިވާ ކޯޓެއް" ކަން މި މި އިއުލާނުގައި ހިމަނާފައިވާ ބައެއް ކަންކަމުން ވެސް އެނގެ އެވެ.

އެއް ފަރާތަށް ވުރެ ގިނައިން އީއޯއައި ހުށަހަޅައިފި ނަމަ، ބަލާނީ އެ ކުންފުނީގެ "މާސްޓާ ޕްލޭން އާއި ވިޝަންއާ އެންމެ އެއްގޮތް" ހުށަހެޅުމަކަށް ކަމަށް އެ އިއުލާނުގައިވެ އެވެ. މިއީ އެޗްޑީސީން ބޭނުންގޮތަކަށް އިވެލުއޭޓް ކުރާއިރު މާކްސް ދިނުމަށް ހިމަނާފައިވާ ކަމެކެވެ.

މީގެ އިތުރުން، "ޑިވެލޮޕްމެންޓް ސޭލްސް ރައިޓްސް މޮޑެލް" ނޫން އެހެން މޮޑެލްތަކަށް ވެސް ފުރުސަތު އޮތް ކަމަށް ބުނުމަކީ، ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކުން ބޭރުވުމަށް ހުޅުވާލާފައިވާ ދޮރެކެވެ.

ރޯމާ ދުވާލު މިފަދަ ބޮޑު ޖަރީމާތައް ހިންގާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މިފަދަ ކަމެއް ހިނގާކަން ރޭކާ ވެސް ނުލަ އެވެ. އެ ކޮމިޝަން އޮތީ ހިމޭންވެފަ އެވެ. އެކަމަކު އެއީ ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމަށް ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާ ކޮންމެ މަހަކު ހަރަދުކޮށްގެން ހިންގާ މުއައްސަސާއެކެވެ.