ސިންގަޕޯ އެއާލައިންސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގައި މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.

އާ ޓާމިނަލަށް ކައިރި ކުރި ސިންގަޕޯ އެއާލައިންސްގެ ފުރަތަމަ ފްލައިޓަކީ އެއާބަސް 350ގެ ފްލައިޓެކެވެ. އަދި އެއީ އާ ޓާމިނަލުން އެއާބަސް 350ގެ ފްލައިޓަކަށް މަރުހަބާކީ ފުރަތަމަ ފަހަރެވެ.

ސިންގަޕޯ އެއާލައިންސްވެފައި ވަނީ މި އަހަރުގެ ޖުލައި 26 ގައި ހުޅުވި ވީއައިއޭގެ އާ ޓާމިނަލްގައި ހިދުމަތް ފެށި 32 ވަނަ އެއާލައިނަށެވެ.

ސިންގަޕޯ އެއާލައިނުން ވީއައިއޭގެ އާ ޓާމިނަލްގައި ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ އެއާލައިނަށް ދިރާގުގެ ސީއީއޯ ހަނދާނީ ފިލެއް ދެނީ. ފޮޓޯ: އެމްއޭސީއެލް

ސިންގަޕޯ އެއާލައިނުން ވީއައިއޭގެ އާ ޓާމިނަލްގައި ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް އޮޕަރޭޓަރު ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު އެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ސިންގަޕޯ އެއާލައިންސްގެ ޖެނެރަލް މެނޭޖަރު ހާޒިގު ސުލައިމާނާއި އެމްއޭސީއެލްގެ އިސްވެރިނާއި އޮފިޝަލުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްއޭސީއެލުން ބުނީ، އާ ޓާމިނަލުން ސިންގަޕޯ އެއާލައިންސަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން، އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް މިއަދު ހުޅުވި ކަމަށެވެ. އަދި އެ އެއާލައިނުން ފުރި 205 ފަސިންޖަރުންނަށް ހަދިޔާ ދިނެވެ.

ސިންގަޕޯ އެއާލައިނުން މިއަދު އައި ފަސިންޖަރުންތަކެއްް ވީއައިއޭގެ އާ ޓާމިނަލަށް ވަންނަނީ. ފޮޓޯ: އެމްއޭސީއެލް

މީގެ އިތުރުން އާ ޓާމިނަލަށް ކައިރި ކުރި ސިންގަޕޯ އެއާލައިންސްގެ ފުރަތަމަ ފްލައިޓް, SQ432 އިން ރާއްޖެ އައި 244 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާ އެކު ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ސިންގަޕޯ އެއާލައިންސް އިން ރާއްޖެ އަށް ދަތުރުތައް ފެށީ މާޗު 28، 1984 ގަ އެވެ.