ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންއަކީ ހަގީގަތުގައި އެހާ މޮޅު އެކްޓަރެއް ނޫން ކަމަށާއި އޭނާއަށް އެކްޓް ކުރަން ނޭނގޭ ކަމަށް ޚުދު ސަލްމާން ބުނެފި އެވެ.

މިފަހުން އޮތް ރެޑްސީ ފިލްމް ފެސްޓިވަލްގެ ތެރެއިން ދެއްކި ވާހަކައެއްގައި ސަލްމާން ވަނީ އޭނާގެ އެކްޓިން ހުނަރާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

އެގޮތުން އޭނާއަކީ އަސްލު އެހާ މޮޅު އެކްޓަރެއް ނޫން ކަމަށް ބުނަމުން ސަލްމާން ބުނެފައިވަނީ ފިލްމުތަކުގައި އޭނާ ރޯންޖެހޭ މަންޒަރުތައް ބެލުމަށްފަހު މީހުން ހީފައިވާ ކަމަށެވެ.

"އަހަރެން ގަބޫލެއް ނުކުރަން އަހަންނަކީ މާ މޮޅު މީހެއް ކަމަކަށް. އަަހަންނަށް އެ ވަގުތަކު އިހުސާސްވާ ގޮތަކަށް ކަންތައް ކުރަނީ" ސަލްމާން ބުންޏެވެ.

ސަލްމާން މިހެން ބުނުމާއެކު އަޑު އަހަން ތިބި އޭނާގެ ސަޕޯޓަރުން ވަނީ އެކަމާ ދެކޮޅު ހަދައި އެއީ ދޮގެއް ކަމަށް ބުނެ ޝުއޫރު ފާޅުކޮށްފަ އެވެ.

1980ގެ އަހަރުތަކުގައި ބޮލީވުޑަށް ތައާރަފްވި ސަލްމާންއަކީ މިއަދު އެ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ފުންނާބު އުސް ތިން ތަރިންގެ ތެރޭގައި ގުނާލެވޭ އެކްޓަރެކެވެ.