ނިސްބަތްވާ ސިޔާސީ ޕާޓީ އަސާސަކަށް ނުބަލައި އިންތިހާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމަކީ ގާނޫނީ އެއްވެސް ބުރަދަނެއް ހުރިކަމެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުالله ދީދީ ވިދާޅުވެއްޖެ އެވެ.
ރޭ ހެންވޭރު ރައްޔިތުންނާއެކު ކަލާފާނު ސްކޫލުގެ ހޯލުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ މަޖިލިސް މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭގޮތަށް ގާނޫނުއަސާސީ ބަދަލުކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ކުރުވުމުގެ ނިޔަތުގައި ކަމަށް ވިދާޅުވެފަ އެވެ.
"ރައްޔިތުންގެ މަންދޫބުން ހޮވާފައި މި ތިބެނީ ވަކި ގޮތަކަށް، ވަކި ޕާޓީއަކުން ކުރިމަތިލީމަ ވޯޓު ދިނީ، މިނިވަންކޮށް ކުރިމަތިލީމަ ވޯޓު ދެނީ މިސާލަކަށް. އެ ބަދަލު ގެންނަންޏާ އެއީ ރައްޔިތުންގެ ނިންމުމާ ހިލާފަށް ކުރާ ކަމަކަށް ވާތީ އެއީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ކުރުވުމަށް ގެނައި ބަދަލެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ މި ވާހަތަކަށް ރައްދުދެއްވައި އަހުމަދު އަބްދުﷲ ދީދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި އަމަލުކުރާ އިންތިހާބީ ނިޒާމަކީ ފަރުދީ އިންތިހާބީ ނިޒާމު ކަމަށެވެ. އަދި އެ ނިޒާމުގެ ދަށުން އިންތިހާބު ކުރަނީ ވެސް ކޮންމެ ދާއިރާއަކުން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓު ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ނިޒާމުގެ ދަށުން ރައްޔިތުން ވޯޓު ދިނުމުގައި ކެންޑިޑޭޓު އިހުތިޔާރު ކުރަނީ މައިގަނޑުގޮތަކަށް ޝަހުސީ އަސާސްތަކެއްގެ މައްޗަށެވެ. ކެންޑިޑޭޓު ތަބާވާ ޕާޓީ އަސާސަކަށް ބަލައިގެނެއް ނޫނެވެ. އެއާ ހިލާފަށް، ޕާޓީ އަސާސަކަށް ބަލައިގެން މެންބަރުން އިންތިހާބު ކުރާ ނިޒާމަކީ ޕާޓީން ހުށަހަޅާ ލިސްޓަށް ވޯޓުދޭ ނިޒާމެވެ،" އަހުމަދު އަބްދުالله ލިޔުއްވާފައިވެ އެވެ.
ދެ ނިޒާމުގެ ތަފާތު ބަޔާން ކުރެއްވުމަށްފަހު އަހުމަދު އަބްދުالله ލިޔުއްވާފައި ވަނީ ރާއްޖޭގައި އަމަލުކުރާ އިންތިހާބީ ނިޒާމުގެ ދަށުން ރައްޔިތުން ވޯޓު ދެނީ ޕާޓީ އަސާސަކަށް ބަލައިގެން ކަމުގައި ނުވާއިރު، ރައްޔިތުން އިންތިހާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު ޕާޓީތަކަށް ލިބެންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ.
އަދި، ޕާޓީން ހުށަހަޅާ ލިސްޓަށް ވޯޓު ދީގެން މެންބަރުން އިންތިހާބުކުރާ ގައުމުތަކުގައި ވެސް އެ މެންބަރުން ވަކިކުރުމުގެ ބާރު ޕާޓީތަކަށް ނެގުމަކީ ޑިމޮކްރެޓިކް ގައުމުތަކުގައި ކުރާ ކަމެއް ނޫން ކަމަށް އަހުމަދު އަބްދުالله ލިޔުއްވާފައިވެ އެވެ.
މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރީ ނޮވެމްބަރު 20، 2024 ގަ އެވެ.
އެ ބަދަލުގައި މެންބަރަކު ޕާޓީން ވަކިވެއްޖެނަމަ، ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ގާނޫނުގެ ދަށުން ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. އަމިއްލަ ގޮތުން އިންތިހާބުވާ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަވެސް ގޮނޑި ގެއްލެ އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް ޣަފޫރު އިންތިހާބުކޮށްފި
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓާސް"