ފަތުރުވެރިކަމުގެ ދާއިރާގައި ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާގެ ބާވަތް، އެއީ ޑޮލަރު ނޫނީ ރުފިޔާ ކަމުގައިވީ ނަމަވެސް، އެ ފައިސާގެ ބާވަތް ބަދަލުނުކޮށް މުވައްޒަފުންނަށް ސާވިސް ޗާޖު ބަހަންޖެހޭ ގޮތް ހެދުމަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
މި އިސްލާހު ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް މައުރޫފް ހުށަހެޅުއްވި އިސްލާހުގައި ވަނީ ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާގެ ތެރެއިން މުވައްޒަފުންނަށް ބަހަންޖެހޭ ފައިސާގެ ބާވަތް ބަދަލުކުރުމުގެ ގޮތުން ވަޒީފާދޭ ފަރާތުން އެ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ނުވާނެ ކަމަށެވެ. އަދި ސާވިސް ޗާޖު ބެހުމުގައި މުވައްޒަފުންނަށް ދޭންވާނީ ސާވިސް ޗާޖުގެ ގޮތުގައި އެ ފައިސާއެއް ލިބުނު ބާވަތުން ކަމަށް ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ޚިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ މުވައްޒަފަކު ވަޒީފާ އަދާކުރަނީ ވަގުތީ އެއްބަސްވުމެއް ނުވަތަ ތިންވަނަ ފަރާތެއްގެ މުވައްޒަފެއްގެ ގޮތުގައި ވިޔަސް އެފަދަ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖު ދިނުމުގައި ތަފާތުކޮށްގެން ނުވާނެ ކަމަށް ވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
މި އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުގައި މައުރޫފް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން 10 ޕަސެންޓަށްވުރެ މަދު ނޫން އަދަދަކުން ސާވިސް ޗާޖު ނަގަންވާނެ ކަމަށެވެ.
"ބައެއް ތަންތަނުން މުވައްޒަފުންނަށް ދިވެހި ރުފިޔާއިން ސާވިސް ޗާޖު ދިނުމުގެ ސަބަބުން، ސާވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާ މުވައްޒަފުންގެ މެދުގައި ބެހުމަށް ލާޒިމުކޮށް، ދެންނެވުނު ގާނޫނުގައި ކަނޑައަޅައިފައިވާ އުސޫލުގެ މަންފާ އެންމެ ފުރިހަމައަށް މުވައްޒަފުންނަށް ލިބުމަށް ހުރަސްއެޅޭ،" އޭނާ ވިދާޅުވި އެވެ.
އަދި ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާ، ވަޒީފާދޭ ފަރާތުގެ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ބަހަންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާގެ ބާވަތުން ބެހުމުގެ ބަދަލުގައި، އެ ފައިސާ މާރުކޮށްގެން ބައެއް ތަންތަނުން މުވައްޒަފުންނަށް ދިވެހި ރުފިޔާއިން ސާވިސް ޗާޖު ދިނުމުގެ ސަބަބުން، 'ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާ' މުވައްޒަފުންގެ މެދުގައި ބެހުމަށް ލާޒިމުކޮށް، ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުގެ މަންފާ އެންމެ ފުރިހަމައަށް މުވައްޒަފުންނަށް ލިބުމަށް ހުރަސްއެޅޭ ކަމަށް މައުރޫފް ވިދާޅުވި އެވެ.
އެހެންކަމުން އެ އިސްލާހު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާއާބެހޭ ގާނޫނުން ކަށަވަރުކޮށްދީފައިވާ ސާވިސް ޗާޖު ލިބުމުގެ ހައްގު އެންމެ ފުރިހަމައަށް ތަނަވަސްކޮށްދިނުން ކަމަށް މައުރޫފް ވިދާޅުވި އެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ސާވިސް ޗާޖު ޑޮލަރުން ލިބޭއިރު، ރުފިޔާއަށް މާރުކޮށްގެން ބައެއް ތަންތަނުގައި ދޭ މައްސަލަ ރިސޯޓު މުވައްޒަފުންގެ އަބަދުވެސް އޮވެއެވެ. ވަކިން ޚާއްސަކޮށް ޑޮލަރުގެ އަގު މައްޗަށް އުފުލި، ޑޮލަރު ލިބުން އިންތިހާއަށް ދަތި މި ދަނޑިވަޅުގައި އެ ޝަކުވާ ބޮޑެވެ.
ސެންޓުގެ ވަސް ގިނައިރު ދެމެހެއްޓޭނެ ގޮތެއް!
ވައިބާ ހެކްކޮށް މަކަރާއި ހީލަތުން 150،000ރ. ނެގި މީހަކު ހައްޔަރު