އިންޑިއާގެ އެންމެ ބޮޑު އެއާލައިން، އިންޑިގޯގެ މުވައްޒަފުން މަދުވުމުގެ ސަބަބުން ފްލައިޓްތައް ކެންސަލް ކުރަމުން އަނަނައިރު، މިއަދު އެކަނި ވެސް 200އަށްވުރެ ގިނަ ފްލައިޓް ކެންސަލް ކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

އިންޑިގޯގެ ފްލައިޓް ތަކުގެ ދަތުރުތައް ކެންސަލް ކުރާތާ މިއަދަށް ހަ ދުވަސް ވެފައިވާއިރު، އެކަމުގެ ސަބަބެއްކަމުގައި ބުނެފައި ވަނީ އިންޑިއާގެ ސަރުކާރުން ގަވައިދަށް ގެނައި ބަދަލުތަކެެވެ. އެގޮތުން އިންޑިއާ ސަރުކާރުން ގަވައިދަށް ގެނައި ބަދަލުގައިވާ ގޮތުން ޕައިލެޓުން އަރާމުކުރުމަށް އިތުރު ވަގުތު ދޭންޖެހެ އެވެ. އެގޮތުން މި ގަވައިދަށް އަމަލުކުރަން ފެށިއިރު، އިންޑިގޯއަށް ތައްޔާރު ނުވެވުމުން ޕައިލެޓުންގެ ދަތިކަން ވަނީ ވަރަށް ބޮޑުވެފަ އެވެ.

އިންޑިއާއިން އަލަށް އެކުލަވާލި ގަވައިދުގައި ވަނީ ޕައިލެޓުންނަށް ހަފުތާއަކު މަދުވެގެން 48 ގަޑިއިރު އަރާމު ކުރުމަށް ދިނުމާއި، ހަތް ދުވަހުގެ ތެރޭގައި ރޭގަނޑު ތިން ޑިއުޓީއަށް ވުރެ ގިނައިން ޑިއުޓީ ކުރާނަމަ، އަރާމުކުރާ ވަގުތު 60 ގަޑިއިރަށް އިތުރު ކުރަން ވަނީ އަންގާފަ އެވެ.

އެ މައްސަލައާ ގުޅިގެން، އަންގާރަ ދުވަހުން ފެށިގެން އިންޑިގޯއިން ވަނީ 2،000 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފަ އެވެ.

އިއްޔެ އެ އެއާލައިނުން ވަނީ 95 ޕަސެންޓް ކަނެކްޓިވިޓީ އަލުން ގާއިމްކޮށްފައިވާ ކަމަށާއި، މިއަދު 1،500އަށް ވުރެ ގިނަ ފްލައިޓް އޮޕަރޭޓް ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ބުނެފަ އެވެ.

އެހެން ނަމަވެސް މިއަދު ވެސް ގިނަ އަދަދެއްގެ ފްލައިޓް ކެންސަލްކުރިއިރު، އޭގެ ތެރޭގައި ޗެންނާއީ އެއާޕޯޓުން 38 ފްލައިޓާއި، ހައިދަރުއާބާދު އެއާޕޯޓުން 100 އަށްވުރެ ގިނަ ފްލައިޓް ހިމެނެ އެވެ.

އެކަމުގެ ސަބަބުން ގެއްލުން ލިބުނު ފަސިންޖަރުންނަށް މިރޭ އަށެއް ޖެހުމުގެ ކުރިން ރީފަންޑު ދިނުމަށް އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން އިންޑިގޯއަށް ވަނީ އަންގާފަ އެވެ.

އަދި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ފަސިންޖަރުންގެ ބެގޭޖް ހޯދައި އެ މީހުންގެ ގެތަކަށް ފޮނުވައި ދިނުމަށް ވެސް އިންޑިގޯއަށް އަންގާފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އެއާލައިން އޭވިއޭޝަން ވޮޗްޑޯގް، ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ހޮނިހިރު ދުވަހު ވަނީ އިންޑިގޯގެ ސީއީއޯ ޕީޓާ އެލްބާސްއަށް ނޯޓިސްއެއްވެސް ދީފަ އެވެ.

"ސީއީއޯގެ ހައިސިއްޔަތުން އެއާލައިންގެ ހަރުދަނާކޮށް ހިންގޭކަން ކަށަވަރު ކުރުމުގެ ޒިންމާ އުފުލަން ޖެހޭ ނަމަވެސް އިތުބާރު ހުރި ގޮތެއްގައި އޮޕަރޭޝަންތައް ހިންގުމުގެ އިންތިޒާމު ހަމަޖެއްސުމާއި ފަސިންޖަރުންނަށް ބޭނުންވާ ވަސީލަތްތައް ލިބޭނެ ގޮތް ހަމަޖެއްސުމުގައި ވަނީ ނާކާމިޔާބުވެފައި،" ޑީޖީސީއޭގެ ނޯޓިސްގައި ބުނެފައިވެ އެވެ.