ރޭ އޮލިމްޕަސް ސިނަމާގައި އެޅުވި "އަލްވަދާއު"ގެ ޓްރެއިލާ އިއުލާން ކުރަމުން ވެސް ޑާކްރެއިން އެންޓަޓެއިންމަންޓުން ބުނެފައިވަނީ އެ ފިލްމު ބެލުމަށްފަހު އެއްވެސް މީހަކަށް ލިބޭނެ ނަފްސާނީ ގެއްލުމަކަށް ނުވަތަ ލޮލުން އޮހޮރޭ ކަރުނައަށް އެ ކުންފުނިން ޒިންމާ ނުވާނެ ކަމަށެވެ.
މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދު ޕްރޮޑިއުސްކޮށް ޕްރޮޖެކްޓް 39ގެ ނަމުގައި އެންމެ ފުރަތަމަ އިއުލާން ކުރެވުނު "އަލްވަދާއު"ގެ ޓީޒާ އާއްމުކުރި ދުވަހުން ފެށިގެން ފިލްމު ރިލީޒް ކުރުމާ ހަމައަށް ފިލްމާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ދެކެވިފައިވެ އެވެ.
ވާހަކަ
ޝަހުދާ މަހުމޫދު ލިޔެފައިވާ މި ވާހަކައިގައި ދިވެހި "އޯޑިއެންސް"އަށް ބޭނުންވާނެ ހުރިހާ ރަހަތަކެއް އެކުލެވޭ ކަމުގައި ބުނެވިދާނެ އެވެ. ލޯތްބާއި ހިތާމަ އެވެ. އާއިލީ ގުޅުންތަކާއި ބަދަހި ކަމެވެ. މައާފު ދިނުމާއި ދިރިއުޅުމުގައި ދެވަނަ ފުރުސަތެއް ލިބިދިނުމެވެ. މިއިން ކޮންމެ އިހުސާސެއް ވެސް ވާހަކައިގައި ވަރަށް ރީއްޗަށް ގެނެސްދެވިފައިވާއިރު އެއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ ހަމަ ޝަހުދާގެ ސްކްރީންޕްލޭ އެވެ.
އެކްޓިން
މުހިއްމު ކެރެކްޓަރުން
ޝަރަފް އަބްދުﷲ - އިޝާން
މަރިޔަމް މަޖުދާ - އަނާޔާ
ޝީލާ ނަޖީބު - އާފިޔާ
ލައިޝާ ލަތީފު - ނަތާ
ހާޒިފް މުހައްމަދު - ސާމިރު
ނުޒުހަތު ޝުއައިބް - އައިޒާ
އިސްމާއިލް ޖުމައިހް - މާއިޝް
ފިލްމުގެ ތެރެއިން ފެނިގެންދިޔަ ކޮންމެ އެކްޓަރެއް ވެސް އެ އެކްޓަރެއްގެ ކެރެކްޓަރަށް ފުރިހަމައަށް އިންސާފު ކޮށްދީފައިވެ އެވެ. ހާއްސަ ގޮތެއްގައި ޝަރަފްގެ އެކްޓިން ފާހަގަ ކޮށްލަން ޖެހެނީ މިއީ ބޮޑު ސްކްރީނުން އޭނާ ފެނިގެންދިޔަ ފުރަތަމަ ލޯބީގެ ފިލްމަށް ވެފައި މިއީ މީގެ ކުރިން އޭނާ ފެނުނު ކެރެކްޓަރުތަކާ މުޅިން ތަފާތު ކެރެކްޓަރަކަށް ވާތީ އެވެ. އެއާއެކު ޑާކްރެއިންގެ ލޯބީގެ ފިލްމުތަކުގެ މޫނުގެ ގޮތުގައި ބެލެވިފައިވާ މަޖޫގެ ފަރާތުން ވެސް ފެނުނު އެކްޓިން ފާހަގަކުރެވެ އެވެ. ހާއްސަކޮށް ހިތާމައާއި ހިތްދަތިކަން ދައްކުވައިދޭ މަންޒަރުތަކުގައި އޭނާގެ ހުނަރު ވަކިން ފާހަގަވެ އެވެ. މީގެ އިތުރުން ވެސް ސަޕޯޓިން އެކްޓަރުންގެ ގޮތުގައި ފެނުނު ޝީލާއާއި ލައިޝާއާއި ހާޒިފް އަދި ނުޒޫ ފަދަ އެކްޓަރުން ވެސް އެ އެކްޓަރުންގެ ކެރެކްޓަރަށް ފުރިހަމަ އިންސާފު ހޯދައިދީފައިވެ އެވެ.
ސިނަމެޓޮގްރަފީ
"އަލްވަދާއު"ގެ ސިނަމެޓޮގްރަފީއިން ފިލްމުގެ ރީތިކަން އިތުރު ކޮށްދިން ކަމުގައި ބުނެވިދާނެ އެވެ. ކޮންމެ މަންޒަރެއް ވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ގެނެސްދިނުމަށް ކޮށްފައިވާ ކެމެރާ މަސައްކަތްތައް ވަރަށް ވެސް ހިތްގައިމެވެ.
މިއުޒިކްއާއި ބެކްގްރައުންޑް މިއުޒިކް
ފިލްމުގެ ތެރެއިން ގެނެސްދީފައިވާ ލަވަތަކަށް ބަލާއިރު ދިވެހިންގެ ރަހަތަކާ ގުޅޭ ލޯބީގެ ލަވަ "ކަލާ" ފާހަގަ ކޮށްލެވެ އެވެ. އެއާއެކު އަލްވްދާއުގެ ޓައިޓަލް ލަވައަކީ ތާޒާ ރަހަތަކެއް ގެނެސްދިން ރީތި ލަވަ އެކެވެ. އެއާއެކު ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ފިލްމުގެ ބެކްގްރައުންޑް މިއުޒިކުން ކޮންމެ މަންޒަރެއްގެ އިހުސާސްތަކާއި ޖަޒުބާތުތައް ވެސް އިތުރަށް ފުރިހަމަ ކޮށްދިން ކަމެވެ.
ޑައިރެކްޝަން
އަލީ ޝިފާއު (ޗިއްޕެ)ގެ ރަސްމީ ޖޯންރާ ކަމަށްވާ ރޮމޭންސް ޖޯންރާގެ މި ފިލްމުގައި ޑައިރެކްޝަންއާ މެދު ބުނެވެން އޮތީ ޗިއްޕެ އޭނާގެ ބެލުންތެރިން މާޔޫސް ނުކުރާ ކަމުގަ އެވެ. ފިލްމުގެ ކެޕްޓަންގެ ގޮތުގައި ޗިއްޕެގެ ޑައިރެކްޝަނަށް ތައުރީފު ހައްގެވެ.
ޖުމްލަކޮށް.......
ލޯބީގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް "އަލްވަދާއު"އަކީ ކޮންމެހެން ބަލާލަން ޖެހޭ ފިލްމެއް ކަމުގައި ގަބޫލު ކުރަމެވެ. އެ ފިލްމަކީ މީގެ އަހަރުތަކެއް ކުރިން ދިވެހި ފިލްމުތަކުން ފެނިގެންދިޔަ އަސަރު އަލުން ގެނެސްދީ އެ ހަނދާންތައް އާކޮށްދިން ފިލްމެކެވެ. އެހެން ނަމަވެސް ފިލްމު ބަލަން ދާ ފަރާތްތަކަށް ދޭން އޮތް އިންޒާރަކީ މި ފިލްމާއެކު ކޮންމެ މީހެއްގެ ވެސް ލޯ ތެއްމާލާނެ ކަމުގެ އިންޒާރެވެ. ރުމާއާއި ޓިޝޫއާއެކު ތައްޔާރު ވެގެން ފިލްމު ބަލަން ދިއުމަކީ އެންމެ ބުއްދިވެރި ގޮތެވެ.
އެފްސީޕީޑީއަށް ހާޒިރުކޮށް ސަނީ އުމަރާ ސުވާލުކުރީ
ފިލައިގެން ފުރަން ގޮސް ހުއްޓައި އެއާޕޯޓުން ސަނީ ހައްޔަރުކޮފި
ހިޔާ ޓަވަރެއްގައި ހަށިވިއްކަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި