އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުން ގެންދާ ހަނގުރާމަ ހުއްޓާލުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި 20 ޕޮއިންޓުގެ ސުލްހައިގެ ޕްލޭން އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފި އެވެ.
އެމެރިކާއިން ހުށަހަޅާފައިވާ ގަރާރުގެ ދަށުން ގާޒާއިން އިޒްރޭލް ސިފައިން ފޭބުމާއެކު، ސަރަހައްދުގެ ހަމަޖެހުން ބެލެހެއްޓުމަށް ބައިނަލްއަގުވާމީ ފައުޖެއް ގާއިމުކުރުމަށް ވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރުން 2027 ވަނަ އަހަރުގެ ނިޔަލަށް ގާޒާގެ ކަންކަން ހިންގާނެ ވަގުތީ އިދާރާއެއްގެ ގޮތުގައި ބޯޑް އޮފް ޕީސް އެއް އުފެއްދުމަށް ވެސް އެމެރިކާއިން ވަނީ ހުށަހަޅާފަ އެވެ.
ސަލާމަތީ މަޖިލީހުގެ 13 މެންބަރުންގެ ވޯޓުން ގަރާރު ފާސްކުރި އިރު، ރަޝިއާ އާއި ޗައިނާއިން ވޯޓުގައި ބައިވެރިވެފައެއް ނުވެ އެވެ.
މި ގަރާރުގެ ދަށުން އުފެއްދުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައިއެސްއެފް) ގާޒާގައި ހަރަކާތްތެރިވާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ. ނަމަވެސް އެކަމަށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ވަނީ ދެކޮޅު ހަދާފަ އެވެ.
އިޒްރޭލުން މި ގަރާރާމެދު އެންމެ ބޮޑަށް ދެބަސްވާ މާއްދާ ކަމުގައިވާ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމާމެދު އެ ގައުމުން ވަނީ އިންޒާރު ދީފަ އެވެ. އެގޮތުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރަން ފުރުސަތު ނުދޭނެ ކަމަށް އިޒްރޭލުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.
ރަޝިއާއިން ބުނެފައި ވަނީ އެމެރިކާގެ ހުށަހަޅުމުގައި ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް އެކަށީގެންވާ ވަރަށް ބާރުއަޅާފައި ނުވާ ކަމަށެވެ. އެކަމާ ގުޅިގެން ރަޝިއާއިން ވަނީ ދެ ދައުލަތުގެ ހައްލަކަށް ގޮވާލާފަ އެވެ.
އިޒްރޭލުން 2023 ގެ އޮކްޓޯބަރު މަހު ގާޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 69،483 މީހުން ޝަހީދުކޮށްލާފައިވާއިރު، އެއްލައްކައަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ. އެމެރިކާގެ ސުލުހައިގެ ހުށަހެޅުމާއެކު، މިހާރު ވަގުތީގޮތުން ހަނގުރާމަ ހުއްޓާލާފައިވީ ނަމަވެސް އިޒްރޭލުން ދަނީ އެކި ފަހަރު މަތިން ގާޒާގެ އެކި ސަރަހައްދުތަކަށް ހަމަލާ ދެމުންނެވެ. އަދި ގާޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިޒްރޭލުން ހުރަސްއަޅަމުން ގެންދިއުމުގެ ސަބަބުން ގާޒާގެ އެތައް ކުޑަކުދިންނާއި ރައްޔިތުން ދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ.
ސަރުކާރަށް ދެ އަހަރު ވީއިރު، ހަމަ އެކަނި ކުރެވުނު ކަމަކީ ވައްކަން
ކެއްކުމުގައި ދިރި ބޭނުން ކުރަންވީ ގިނަ ސަބަބުތަކެއް!
ތަހުގީގުކޮށްދިނުމުގެ އަމުރެއް ނެރެން އެދިއްޖެ