ބޮލީވުޑްގެ މަޝްހޫރު ތަރި ރިޝީ ކަޕޫރަކީ އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ތަރި އެކެވެ. އެހެން ކަމުން އޭނާގެ ވަކިވުން ވެގެންދިޔައީ އާއިލާގެ އިތުރުން އާއްމުންނަށް ވެސް ލިބުނު ސިހުމަކަށެވެ.
ރިޝީގެ މަރަށްފަހު އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާގެ އަންހެން ދަރިފުޅު ރިދިމާ ވަނީ ބައްޕަގެ މަރަށްފަހު އެ އާއިލާއަށް އާއްމުންގެ ފުރައްސާރައާއި ފާޑުކިޔުން އަމާޒުވި ކަމަށް ބުނެފަ އެވެ.
ގަލާޓާ އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ރިދިމާ ބުނީ ބައްޕަ މަރުވުމުގެ ހިތާމަ އާއިލާއިން ތަހައްމަލް ކުރަމުން ދިޔަ ދުވަސްވަރު އާއްމުންގެ ފަރާތުން ލިބުނީ ފުރައްސާރަ ކަމަށެވެ.
އެގޮތުން އެ ދުވަސްވަރު އާއްމުކޮށް ބޭރަށް ނުކުމެ އުޅުނީތީ ގިނަ ބަޔަކު ފާޑުކީ ކަމަށާއި ތަހައްމަލް ކުރަމުން ދިޔަ ހިތާމަ މޫނުމަތިން ފާޅުނުވާތީ ގިނަ ބަޔަކު އެކަމަށް ފުރައްސާރަ ކުރި ކަމަށް ރިދިމާ ބުންޏެވެ.
"އަހަރުމެން މަސައްކަތްކުރީ އަހަރުމެންގެ ހިތާމަ އާއްމުކޮށް ނުދައްކަން. އެކަމަކު އާއްމުންނަށް ހީވީ މުޅިން އެހެން ގޮތަކަށް" ރިދިމާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ އާއިލާއަށް ކުޑައިމީސްކޮށް ހިތްދަތިވާ ފަދަ ބަސްތަކުން އެމީހުންނަށް ފުރައްސާރަ ކުރި ކަމަށާއި އެހެން ނަމަވެސް ގޭތެރޭގެ ހާލަތު ފާޑުކިޔާ ފަރާތްތަކަށް ނޭނގޭނެ ކަމަށެވެ.
ބައްޕަގެ މަރަށްފަހު މަންމަ ނީތޫ ކަޕޫރު ގޭތެރޭގެ ކަންތައްތައް ގެންގުޅުނު ގޮތް ފާހަގަކޮށް އެ ކަމާމެދު ފަހުރުވެރިވާ ކަމަށް ވެސް ރިދިމާ ބުންޏެވެ.
ދެ އަހަރު ދުވަހު ލޭގެ ކެންސަރާ ހަނގުރާމަ ކުރުމަށްފަހު ރިޝީ ކަޕޫރު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ.
ގާނޫނީ އިމްތިހާނުން ފެއިލްވުމުން ކިމް ރުޅިގަދަ ވެއްޖެ
ނިދާ ހޭލާއިރު މޫޑު ގޯސްކޮށް ހުންނަނީ މިހެންވެ ކަމަށް ވެދާނެ!