އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނަތީޖާ ނުނެރެވޭ ކަމަށް ބުނެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް ނިމެންދެން އެ ކޮމިޝަން އުވާލަން ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ގޮވާލައްވައިފި އެވެ.
އިއްޔެ ބޭއްވި ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި އޭސީސީ އަށް އަންނަ އަހަރަށް ދޭން ކަނޑައަޅާފައިވާ ބަޖެޓުން ނުފުދޭ ކަމަށް ބުނެ ބޮޑު ބަޖެޓަކަށް އެދުމުން އެކަމާ ނުރުހުން ފާޅުކުރައްވާ ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ބޮޑު ބަޖެޓު ދީގެން ކޮރަޕްޝަންގެ މައްސަލަ ބެލޭ ތަނެއް އަދި ކޮރަޕްޝަން މަދުކުރެވޭ ތަނެއް ނުފެންނަ ކަމަށެވެ. އަދި ރައްޔިތުން ދެކޭ ގޮތުގައި އެންމެ ކޮރަޕްޓު ކޮށް ހިނގަނީ އޭސީސީ ކަމަށް އަމީން ވިދާޅުވި އެވެ.
"އަޅުގަނޑުގެ ހިޔާލެއް، މުޅި މަޖިލީހަށް. ހާއްސަކޮށް މާލިއްޔަތު ކޮމިޓީއަށް. އަޅުގަނޑަކަށް ނުފެނޭ ރާއްޖޭގެ ހާލަތު މިހާރު ހުރި ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން ބާއްވާކަށް. އަޅުގަނޑަށް ފެންނަނީ އުވާލަން. އެއީ އަޅުގަނޑުގެ ދާއިރާގަ ވެސް 2008 އިން ފަށައިގެން އަދިވެސް އެބަހުރި ފެނާއި ނަރުދަމާ ނިޒާމު ނުލިބޭ ރަށްރަށް،" އަމީން ވިދާޅުވި އެވެ.
މިވަގުތަށް އޭސީސީ އުވާލުމަށްފަހު، ދައުލަތުގެ ބަޖެޓު އަރަނި ވަންދެން އެގޮތުގައި ބާއްވަން މަޖިލީހުން ގޮތެއް ނިންމަން އަމީން ގޮވާލެއްވި އެވެ.
މިވަގުތު އޮތީ ޕީއެންސީގެ މެޖޯރިޓީ ކަމުން އެގޮތަށް ނިންމައިދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. އަމީން ވަނީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ދުވަހަކު ވެސް އެކަން ކުރުމަށް ވަކާލާތު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މަޖިލިސް މެންބަރުން އެކައްޗެއް ކިޔާފަ، މިނިވަން މުއައްސަސާ، އެންޓި ކޮރަޕްޝަން ކޮމިޝަން އުވާލުމަށް ފަހު އަސާސީ ހިދުމަތް ނުލިބި އޮތް 15 ވަރަކަށް ރަށަށް ހިދުމަތް ދޭން އަމީން ހިޔާލުހުށަހެޅުއްވި އެވެ. އަދި އެކަންކަން ކުރުމަށް ފަހު ދުނިޔޭގެ އެހެން ގައުމުތަކުން މިސާލު ނަގައިގެން ކޮމިޝަންތައް ހަދުމަށް ވެސް އަމީން ވިދާޅުވި އެވެ.
އޭސީސީން ބޭނުންވަނީ 84.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ އިތުރުން އޮފީސް ޖާގައެއް ހޯދުމަށް ހަތް މިލިއަން ރުފިޔާ އިތުރަށް ބޭނުންވާ ކަމަށް ވެސް އޭސީސީން ވަނީ ބަޖެޓު ކޮމިޓީގައި އެދިފަ އެވެ. މިހާރު ވެސް މަހެއްގެ މައްޗަށް 400،000ރ. ކުއްޔަށް ހޭދަކުރާ ކަމަށް އޭސީސީން ބުނެ އެވެ.
މިއަހަރު އޭސީސީއަށް 52.7 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖެއްސިއިރު 2024 ވަނަ އަހަރު ވެސް ދިނީ 47 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކޮމިޓީގައި ހިމެނޭ މެންބަރުން ވަނީ ބޮޑު ބަޖެޓެއް ހަމަޖެއްސި ނަމަވެސް އޭސީސީއަށް ނަތީޖާ ނުނެރެވޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ތަފާތު ކަސްރަތުތަކުން ހަށިގަނޑަށް ލިބޭ ފައިދާތައް ތަފާތު!
ހައްދުފަހަނައަޅައިދިއުމުގެ މައްސަލަ ހައްލުކުރަން ޕްރޮގްރާމެއް
ރައީސް ރަސްމާލެ ހިއްކުން ކުރިއަށް ދާގޮތް ބައްލަވައިލައްވައިފި