ތަނަވަސްކަން ލިބިފައިވާ މީހުންނަށް، ދައުލަތުގެ ހަރަދުގައި ބޭސްފަރުވާ ކޮށްދޭން އާސަންދަ ދިނުމާއި، 65 އަހަރު ވުމުން ދޭ އިނާޔަތް ފަދަ ތަކެތި ދިނުން ހުއްޓައިލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
ސަލީމް މިގޮތަށް ވާހަކަދެއްކެވިއިރު އޭނާއަކީ މިސަރުކާރު އައި ފަހުން އެންމެ ގިނަ ބިންތައް ހުޅުމާލެއިން ބިޑަކާ ނުލައި ހޯދައިގެން ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ ބޭފުޅެކެވެ. ކުރިން އެޓޯލްސް މިނިސްޓްރީގެ ބަޖެޓް ބަލަހައްޓަވާ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ސަލީމަކީ މިހާރު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރާ ކުންފުނި ރެޑްވޭވްގެ ވެރިޔާ އެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅައިފައިވާ ދައުލަތުގެ ރެކޯޑު ބަޖެޓަށް ބަހުސްކުރައްވަމުން ސަލީމް ވަނީ ދައުލަތުގެ ފައިސާ އިސްރާފުވަމުން އަންނަ އައުމާމެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެެވެ. އަދި ޚަރަދު ކުޑަކުރުމަށް އެންމެ މުހިންމު ކަންކަމަށް ހޭދަކުރުމާއި، އާމްދަނީ އިތުރުކުރުމަށް ކުރެވޭނެ ކަންކަމާ ބެހޭގޮތުން ވެސް ވާހަކަދައްކަވައިފަ އެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ހަރަދުކުޑަކުރެވޭތޯ މި ސަރުކާރުން މަސައްކަތްތަކެއް ކުރާ ކަމަށެވެ. ނަމަވެސް ހަރަދު ކުޑަކުރުމުގެ ކޮންމެ ކަމެއް ވެސް ގުޅިފައި ވަނީ ރައްޔިތުންނާ ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި ބޭސްފަރުވާއަށް ވިޔަސް، އާސަންދަ ކުޑަކުރެވޭކަށް ނެތްކަމަށާއި އެކަން ކޮށްފި ނަމަ ވެސް ގޯސްވީ ކަމަށް ސަލީމް ވިދާޅުވި އެވެ. އެހެން ނަމަވެސް މިކަންކަމަށް ބަދަލު ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ މިއަދުގެ ހާލަތު އޮތް ގޮތުން ސިއްހީ ދާއިރާގެ ހަރަދުތައް ވެސް ކުޑަކުރެވެން ނެތް ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ހޮސްޕިޓަލް އަޅައި އެ ތަންތަނަށް ޚިދުމަތް ވެސް ދޭންޖެހޭ ކަމަށެވެ. އަދި މީގެ އިތުރުން ދެން ވެސް ހުރި ހުރިހާ ކަމެއް ވެސް އެބަ ކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ސަރުކާރުން ހުރިހާ ޚިދުމަތެއް ރައްޔިތުންނަށް ދެނީ ހިލޭ ކަމަށާއި އެ ކަންކަން ހުއްޓައިފިނަމަ ރައްޔިތުން ހިތްހަމަނުޖެހޭނެ ކަމަށެވެ. އަދި މިފަދަ ނިޒާމަކުން ކަންކަން ބައްޓަންކޮށްފައި ވަނީ ކުރީ ސަރުކާރުތަކުން ކަމަށާއި އެހެންކަމުން ކުއްލިއަކަށް ހިލޭ ލިބޭ އިނާޔަތްތަކާއި، ޚިދުމަތްތައް ކަނޑައިލާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
ސަލީމް ވަނީ އާސަންދަ އާއި 65 އަަހަރުން މަތީގެ މީހުންނަށް ދޭ އިނާޔަތް ތަނަވަސް މީހުންނަށް ދިނުން ހުއްޓައިލަން ގޮވައިލައްވައިފަ އެވެ. އެއީ ނިކަމެތި ރައްޔިތުންނަށް ހައްގު އެއްޗެއް ކަމަށާއި، މުއްސަނދިންނަށް ލިބެންޖެހޭ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ތަނަވަސް މީހުންގެ އަތުން ނަގަންވީ ޒަކާތް ކަމަށެވެ. އަދި ތަނަވަސް މީހުންގެ އަތުން ޒަކާތް ރަނގަޅަށް ނެގޭނަމަ މުޖުތަމައުގެ ތެރޭ ނިކަމެތިކޮށް އުޅޭ މީހުންގެ ބޭނުންތައް ފުއްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ހަރަދުކުޑަކުރަން ދެން ކުރަންޖެހޭ ކަމަކީ ކޮރަޕްޝަން ހުއްޓުވުން ކަމަށާއި، ނަމަވެސް ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭ އައި އެއްވެސް ސަރުކާރަކުން ވެސް އެ މަސައްކަތް ނުކުރާ ކަމަށެވެ. އެކަމަކު، މި ސަރުކާރުން އެ ކަމަށް ވެސް މަސައްކަތް ފަށައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމައެއާއެކު، ސަލީމް ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމެއްގައި ދަރަނި ނެގުމަކީ، އޭގެ ޒާތުގައި ކުރުން ރަނގަޅު، ކުރަން ވެސް ޖެހޭ ކަމެއް ނަމަވެސް، ދަރަނި ނެގޭ މިންވަރު އިތުރަށް ހަރުކަށިކުރަން ޖެހޭ ކަމަށެވެ. ސަބަބަކީ ހަރުކަށި މިންގަނޑެއް ނެތި ބޮޑެތި ދަރަނިތައް ނަގާނަމަ، ދަރަނި ދައްކަން އުފުލަންޖެހޭ ބުރަ ބޮޑުވާތަން ފެންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ދައުލަތް ރަނގަޅަށް ހިނގަމުން އައިނަމަ މިއަދު ދިވެހި ރައްޔިތުން ތިބޭނީ މުއްސަނދި ކަމަށް ކަމަށެވެ.
މީހަކު މަރާލި ގައިދީއަކު ހުޅުމާލެ ޖަލުން ފިލި
ކޮންމެ ދުވަހަކު ވެސް އިނގުރުކޮޅެއް ކާންވާނެ!
މަޝްހޫރު އެޓްލާންޓިސް ރިސޯޓެއް ރާއްޖޭގައި ހުޅުވަނީ