އުމުރުން 70 އަހަރުގެ ކްރިސް ޖެނާގެ އުމުރާ ނުގުޅޭ ޒުވާންކަން ގިނަ ބައެއްގެ ލޮލުގައި އަޅައިގަނެ ފާޑުކިޔުންތަކާއި ތައުރީފު އަމާޒުވަމުން އެބަދެ އެވެ.

ކްރިސްގެ އުފަން ދުވަހާ ގުޅުވައިގެން ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ބޭއްވި ޖޭމްސް ބޮންޑް ތީމްގެ ޕާޓީގައި އޭނާ ފެނުނީ އުމުރަށްވުރެ ވަރަށް ބޮޑުތަން ޒުވާން ކޮށެވެ.

ރަތް ކުލައިގެ ހެދުމަކާއުި މުލައްދަނޑިއާ ހަމައަށް އަރާ ކަޅު ކުލައިގެ ގްލޯވްސްއެއްގައި ހުރި ކްރިސްގެ ފެނިލުން އިތުރަށް ޒުވާން ކޮށްދިނީ އަތުގައި އޮތް ކެވެލިންނާއި ކަންފަތުގައި ލާފައިވާ އެތިންނެވެ.

އެޕާޓީގެ ތެރެއިން ނަގާފައިވާ ފޮޓޯތައް ކްރިސްގެ ސޯޝަލް މީޑިއާގައިި ހިއްސާ ކުރުމާއެކު ގިނަ ބަޔަކު އަންނަނީ އޭނާގެ ޒުވާންކަން ފާހަގަކޮށް ތައުރީފު ކުރަމުންނެވެ.

އެހެން ނަމަވެސް އެއާ އެއްވަރަށް އުމުރާ ނުގުޅޭ ވަރަށް ޕްލާސްޓިކް ސާޖަރީ ހަދައި ޒުވާން ވާން މަސައްކަތް ކުރާތީ ކްރިސްއަށް ފާޑުކިޔާ މީހުން ވެސް އުޅެ އެވެ.

މީގެ މަސްތަކެއް ކުރިން ކްރިސް ފޭސް ލިފްޓެއް ހެދި ކަމަށް އަޑު އެރި ނަމަވެސް އެކަން އޭނާ ޔަގީން ކޮށްދީފައެއް ނުވެ އެވެ. ކޮންމެ ގޮތެއް ވިޔަސް މިހާރު އޭނާއަށް ބަލާލުމުން އެއީ 70 އަހަރުގެ މީހެއް ހެން ހިއެއް ނުވެ އެވެ.