މިދިޔަ އޮކްޓޫބަރު މަހު މީރާއިން 2.04 ބިލިއަން ރުފިޔާގެ އާމްދަނީ ބަލައިގެންފި އެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 16.7 ޕަސެންޓް އިތުރު އަދަދެކެވެ. އަދި، އޮކްޓޫބަރު 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 1.2 ޕަސެންޓް އިތުރު އަދަދެކެވެ.
މީރާއިން ބުނިގޮތުގައި، އޮކްޓޫބަރު 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، އޮކްޓޫބަރު 2025 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މިއީ، ސެޕްޓެންބަރު 2024 އާ އަޅައިބަލާއިރު ސެޕްޓެންބަރު 2025 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ 12.6 ޕަސެންޓަށް އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެކެވެ.
1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި އަދި ޑިސެންބަރު 2024 އިން ފެށިގެން އެއާޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމާ ގުޅިގެން، އޮކްޓޫބަރު 2025 ގެ އާމްދަނީ އޮކްޓޫބަރު 2024 ގެ އާމްދަނީއަށްވުރެ ވަނީ އިތުރުވެފަ އެވެ.
އޮކްޓޫބަރު 2025 އަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ 1.2 ޕަސެންޓް އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީ އާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ގެ އިތުރުން ވާކް ޕާމިޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.
މީގެ އިތުރުން ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ އާއި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފީ އަދި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއިން ލިބުނު އާމްދަނީ އިތުރުވެފައިވުމުގެ ސަބަބުންނެވެ. އަދި މި ފީތަކުން ލިބުނު އާމްދަނީއަކީ އޮކްޓޫބަރު މަހު ލިބޭނެކަމަށް އަންދާޒާ ކޮށްފައިނުވާ އާމްދަނީތަކެވެ.
އޮކްޓޫބަރު 2025 ގައި ލިބިފައިވާ އާމްދަނީގެ 21.0 ޕަސެންޓަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ 7.1 ޕަސެންޓް ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށާއި މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމަށް މީރާ އިން ބުންޏެވެ.
އޮކްޓޫބަރު 2025 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 60.4 ޕަސެންޓް ނުވަތަ 1.23 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. އެއީ 8.5 ޕަސެންޓް ނުވަތަ 172.3 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 146.1 މިލިއަން ރުފިޔާ (7.2 ޕަސެންޓް)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 138 މިލިއަން ރުފިޔާ (6.8 ޕަސެންޓް)، ޑިޕާޗާ ޓުކުހުގެ ގޮތުގައި 135.9 މިލިއަން ރުފިޔާ (6.7 ޕަސެންޓް) އަދި ވާކް ޕާމިޓް ފީގެ ގޮތުގައި 7.2 މިލިއަން ރުފިޔާ (3.5 ޕަސެންޓް) ބަލައިގަނެފައިވެ އެވެ.
އޮކްޓޫބަރު 2025 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 85.96 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
ޑެބިޓް ކާޑުން ބޭރުގައި ފައިސާ ދެއްކޭ ވަރު 1،000 ޑޮލަރަށް
"ހަނިމާދޫ އެއާޕޯޓް ބާރު ދުވެލީގައި ނިންމަންވީ ވައުދު ފުއްދިއްޖެ"
