ސަރުކާރުން ބީލަމަށް ނުލައި ބަހާލި 206 ޕްރޮޖެކްޓަށް ފައިސާ ދޫކުރުން ހުއްޓުވުމަށާއި އެކަން ކުރުމަށް މަގުފަހިވާނެހެން މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް ކޯޓަށް ދާން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ނިންމައިފި އެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ މައްސަލަ ކޯޓަށް ހުށަހެޅުމަށާއި ދެން އުފެދޭ އެމްޑީޕީގެ ސަރުކާރަކުން އެ މައްސަލާގައި އަމަލުކުރާނެ ގޮތްތައް ހިމެނޭ ގަރާރެއް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމް އެވެ. ބައްދަލުވުމުގައި ބައިވެރިވި މެންބަރުން އިއްތިފާގުން އެ ގަރާރު ވަނީ ފާސްވެފަ އެވެ.

ސަލީމް ވިދާޅުވީ އެއީ ކަނޑައެޅިގެން މާލިއްޔަތު ގާނޫނާ ހިލާފަށް ގަވާއިދަށް ގެނައި އިސްލާހެއް ކަމަށެވެ.

އިއުލާންކުރުމެއް ނެތި އެ މަސައްކަތް ހަވާލުކުރި ސަރުކާރާއި ސަރުކާރުގެ ވެރިންނާއި ގުޅުންހުރި ކުންފުނިތައް ފިޔަވައި އެހެން ބަޔަކަށް ފުރުސަތު ނުދިނުން އަދި ކޮންޓްރެކްޓަރުންގެ ދަފުތަރުގައި ނުހިމެނޭ ކުންފުނިތަކާއި އުވާލުމުގެ މަރުހަލާގައިވަ ކުންފުނިތަކަށް މަޝްރޫއުތައް ދީފައިވާކަން ސަލީމް ފާހަގަކުރެއްވި އެވެ.

އެ މައްސަލަ ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށް ވެސް ރޭ ފާސްކުރި އެވެ. އަދި އެ މައްސަލައިގައި އިދާރާތަކުން ފިޔަވަޅު ނާޅައިފިނަމަ، ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި ކަމާބެހޭ އިދާރާތަކުގެ ވެރިންނަށް ފިޔަވަޅު އަޅަން ވެސް ފާސްކުރި އެވެ.