ބިޑުކުރުމެއް ނެތި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް)ގެ ކުންފުންޏަށް 4.7 މިލިއަންގެ މަޝްރޫއު އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމްގެ ކުންފުންޏަށް 285.7 މިލިއަން ރުފިޔާގެ މަޝްރޫއު ބަހާލިކަން ހާމަވެއްޖެ އެވެ.

ބިޑުކުރުމެއް ނެތި ދުނިޔޭގެ ރެކޯޑު ހެދުމުގެ ގޮތުން ޓޮމްގެ މައިނާ ސްޕޯޓްސް ފީލްޑު ކުންފުންޏާ ހަވާލުކޮށްފައި ވަނީ ކުޅުދުއްފުށީގައި ހޭންޑް ބޯޅަ އަދި ފުޓްސެލް ކުޅެވޭ ގޮތަށް މަލްޓި ޕާޕަސް ކޯޓެއް އެޅުމަށާއި އެ ސިޓީގައި ހުންނަ ޒިގްޒެގް ސްޓޭޑިއަމްގެ ރޮސްޓްރަމް ހެދުމަށެވެ.

މަލްޓި ޕާޕަސް ކޯޓު އެޅުމުގެ މަޝްރޫއު ޓޮމްގެ ކުންފުންޏާ ހަވާލުކުރީ 1,697,329.99ރ. އަށެވެ. ޒިގްޒެގް ސްޓޭޑިއަމްގެ ރޮސްޓްރަމް ހެދުމަށް އެ ކުންފުންޏާ ހަވާލުކުރީ 3,025,208.93ރ. އަށެވެ.

ކޮނޮމިކް މިިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އިން އެނގޭ ގޮތުގައި މައިނާ ސްޕޯޓްސް ފީލްޑުގެ މެނޭޖިން ޑިރެކްޓަރަކީ ޓޮމްއެވެ. އެ ކުންފުނި އޮތީ އުވާލުމުގެ މަރުހަލާގައިކަން އެ ޕޯޓަލް އިން ކަށަވަރުވެ އެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމގެ އަލްޓެކް ކުންފުންޏާ ހަތަރު މަޝްރޫއުއެއް ހަވާލުކޮށްފައި ވަނީ 285.7 މިލިއަން ރުފިޔާ އަށެވެ. އެއީ ދ. މީދޫގައި 25 ހައުސިން ޔުނިޓު އެޅުމަށާއި އއ. އުކުޅަސްގައި 50 ހައުސިން ޔުނިޓު އެޅުމުގެ އިތުރުން ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު އެޅުމަށެވެ. އަދި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒު އަލުން ތަރައްގީކުރަން ވެސް ނަސީމުގެ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ.

ނަސީމްގެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުތަކުގެ އަގުތައް

  • ދ. މީދޫގައި 25 ހައުސިން ޔުނިޓު އެޅުމަށް - 33.7 މިލިއަން ރުފިޔާ
  • އއ. އުކުޅަހުގައި 50 ހައުސިން ޔުނިޓު އެޅުމަށް - 67.5 މިލިއަން ރުފިޔާ
  • ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު އެޅުމަށް - 135 މިލިއަން ރުފިޔާ
  • ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ތަރައްގީ ކުރަން - 49.4 މިލިއަން ރުފިޔާ

ބިޑުކުރުމެއް ނެެތި މި މަޝްރޫއުތައް ބަހާލާފައި ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ފައިސާ ހޯދުމަށެވެ. މަޝްރޫއުތައް ހަވާލުކުރީ ވެސް އަސްލު އަގަށްވުރެ ބޮޑުކޮށެވެ. ކޮންޓެކްޓާ ފައިނޭންސްގެ އުސޫލުން ހަވާލުކުރި އެ މަޝްރޫއުތައް ހިންގަން ސަރުކާރުން ގެރެންޓީ ދީގެން ބީއެމްއެލް އިން ލޯނު ހަމަޖައްސަ އެވެ. އެ ކުންފުނިތަކުން ލޯނު ނުދައްކައިފިނަމަ، ސަރުކާރުން ލޯނު ދައްކަންޖެހޭނެ އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ސަރުކާރުން ބޭނުން ބަޔަކަށް މަޝްރޫއުތައް ބަހާލެވޭގޮތަށް މާލިއްޔަތު ގަވާއިދަށް އިސްލާހު ގެނައީ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އަމީރު ވިދާޅުވީ ބަހާލި ކޮންމެ މަޝްރޫއެއްގެ މައްސަލަ ވަކިން އެމްޑީޕީގެ ވެރިކަމެއްގައި ބަލާނެ ކަމަށެވެ.