މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް އުފައްދާ ބައޮޕިކް ފިލްމުގެ ފުރަތަމަ ޓީޒާ މިދިޔަ ބުރާސްފަތި ދުވަހު ނެރެފި އެވެ.

ޔުނިވާސަލް ޕިކްޗާސް އިންޑިއާއާއި ވާނަސް ބަރަދާސް ގުޅިގެން އުފައްދާ މި ފިލްމުގައި މައިކަލްގެ ރޯލުން ފެނިގެންދާނީ އޭނާއަށް ބޮޑުބޭބެ ކިޔާ ތަރިއެއް ކަމަށްވާ ޖާފަރް ޖެކްސަން އެވެ.

ގާތްގަނޑަކަށް އެއް މިނެޓުގެ ދިގު އެ ޓީޒާގައި މައިކަލްގެ ހަޔާތުގެ މުހިއްމު އުސްއަލިތައް ފެނިގެންދާއިރު ޖާފަރްގެ އެކްޓިން ވެސް ފާހަގަ ކޮށްލެވެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި މި ފިލްމުގައި މައިކަލްގެ މިއުޒިކީ ހަޔާތުގެ އިތުރުން އޭނާގެ ދިރިއުޅުމުގައި ހިނގަމުން ދިޔަ އެހެނިހެން ކަންކަމަށް ވެސް އަލިއަޅުވާލާނެ އެވެ.

"މައިކަލް"ގެ ނަމުގައި ނެރޭ އެ ފިލްމުގެ ޓީޒާ އާއްމު ކުރުމާއެކު ގިނަ ބަޔަކު އަންނަނީ އެ ފިލްމަށް ކެތްމަދުވެފައިވާ ކަމަށް ބުނެ ހިޔާލު ފާޅު ކުރަމުންނެވެ.

ޖާފަރްގެ އިތުރުން ނިއާ ލޮންގް، ލައުރާ ހެރިއާ، ޖޫލިއާނޯ ކްރޫ އަދި މައިލްސް ޓެލާ މުހިއްމު ރޯލުތަކުން ފެންނަ އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހު އެވެ.

އުމުރުން އެންމެ 50 އަހަރުގައި 2009 ވަނަ އަހަރު މައިކަލް މަރުވީ ޑްރަގް އޯވާޑޯޒް ވެގެން ޖެހުނު ހާޓް އެޓޭކްއަކަށް ފަރުވާ ދެމުން ދަނިކޮށެވެ.