ފިލިޕީންސްއަށް ބޮޑެތި ގެއްލުމެއް ދީ، 142 މީހުން މަރަށް ފަހު، ބާރުގަދަ ތޫފާން ކަލްމޭގީ ވިއެޓްނާމް އަށް އަރައިފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ވިއެޓްނާމަށް މި ތޫފާން އަރާފައިވާއިރު، އެ ގައުމުގެ ގިނަ ސަރަހައްދުތަކަށް ބާރުގަދަ ވަޔާއި ބޯވާރޭވެހެމުން އަންނައިރު، ފިލިޕީންސްގައި 127 މީހަކު އަދިވެސް ވަނީ ގެއްލިފައެވެ.
ވިއެޓްނާމްގެ ޚަބަރު ފަތުރާ ވަސީލަތްތަކާއި ތިމާވެށީގެ މިނިސްޓްރީން ބުނާ ގޮތުގައި، ތޫފާން ގިޔާ ލާއީ ޕްރޮވިންސަށް އެރި އިރު، ވައިގެ ބާރުމިން ވަނީ ގަޑިއަކު 149 ކިލޯމީޓަރަށް އަރާފައެވެ. މީގެ އިތުރުން ގައުމީ މޫސުމާ ބެހޭ އިދާރާއިން ވަނީ ތޫފާނާއެކު 10 މީޓަރުގެ އުސް ރާޅުތައް އަރާނެކަމުގެ އިންޒާރު ދީފައެވެ.މި ނުރައްކާތެރި ތޫފާނަށް ތައްޔާރުވުމުގެ ގޮތުން ވިއެޓްނާމް ސަރުކާރުން ވަނީ ފުޅާ ދާއިރާއެއްގައި ފިޔަވަޅުތައް އަޅާފައެވެ. މި ތޫފާނުގެ ސަބަބުން މިހާތަނަށް ވިއެޓްނާމުން ވެސް 80 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އޭގެ ތެރޭގައި ހޯދައި ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކަށް 268،000 އަށް ވުރެ ގިނަ ސިފައިން ތައްޔާރުކުރުމާއި، ނުރައްކާތެރި ސަރަހައްދުތަކުން 7،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުން ހިމެނެއެވެ. އަދި ސްކޫލްތައް ބަންދުކޮށް، ސަތޭކައަށް ވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ.ވިއެޓްނާމަށް އެރުމުގެ ކުރިން، ޓީނޯ ގެ ނަމުން ފިލިޕީންސްގައި ނަންދީފައިވާ މި ތޫފާނަކީ، މި އަހަރު އެ ގައުމަށް ކުރިމަތިވި އެންމެ ހިތާމަވެރި ގުދުރަތީ ކާރިސާއެވެ. ތޫފާނުގެ ސަބަބުން 500،000 އަށް ވުރެ ގިނަ ރައްޔިތުންގެ ގެދޮރު ގެއްލި، އެމީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުވާން މަޖުބޫރުވެފައެވެ.
މި ހާދިސާއާ ގުޅިގެން ފިލިޕީންސްގެ ރައީސް ފަރޑިނަންޑް މާކޯސް ޖޫނިއަރ ވަނީ އެގައުމުގައި ގައުމީ ކާރިސާއެއް އިޢުލާނުކުރައްވާފައެވެ. މިއީ ކާރިސާއިން އަރައިގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށާއި، އަސާސީ ތަކެތީގެ އަގު ކޮންޓްރޯލްކުރުމަށް އެޅުއްވި ފިޔަވަޅެކެވެ. މީގެ އިތުރުން، 'ފަންގް-ވޮންގް' ނަމަކަށް ކިޔާ އިތުރު ސުޕަރ ތޫފޫނެއް އެގައުމާ ދިމާއަށް އަންނަ ކަމުގެ އިންޒާރުވެސް ރައީސް މާކޯސް ވަނީ ދެއްވާފައެވެ.
ފިލިޕީންސްއާއި ވިއެޓްނާމްއަކީ ޖޯގްރަފީގެ ގޮތުން ތޫފާންގެ ނުރައްކަލަށް ބޮޑަށް ހުޅުވިފައިވާ ދެ ގައުމެވެ. މި ދެ ޤައުމުވެސް ހިމެނެނީ ޓައިފޫން އެލީގެ ނަމުން މަޝްހޫރުވެފައިވާ، ކޮންމެ އަހަރަކު އެތައް ތޫފާނެއް އަރާ ހުޅަނގު ޕެސިފިކް ކަނޑުގެ ސަރަޙައްދެއްގައެވެ. ހާއްސަކޮށް ފިލިޕީންސްއަށް އަހަރަކު އެވްރެޖްކޮށް 20 ވަރަކަށް ތޫފާން އަރާއިރު، އޭގެތެރެއިން ގިނަ ތޫފާންތައް ދެން މިސްރާބު ޖަހަނީ ދެކުނު ޗައިނާ ކަނޑު ހުރަސްކޮށް ވިއެޓްނާމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން، މިފަދަ ތޫފާންތައް ކުރިއަށް ވުރެ ބާރުގަދަވެ، ގެއްލުން ބޮޑުވަމުންދާކަމަށް ތަޖުރިބާކާރުން ގަބޫލުކުރައްވައެވެ.
މެދުކެނޑުމަކަށްފަހު މޭގަން އަނބުރާ އެކްޓިންއަށް!
ބޯހިޔާވަހިކަމުގެ މަޝްރޫއަށް ބިލިއަނެއްހާ ރުފިޔާ
"އަލްވަދާއު"ގެ ތަރިންނާ ބައްދަލު ކޮށްލަން ބޭނުންތަ؟