ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމަށް ކުއްލިގޮތަކަށް އަތުލި ހިތަދޫ ޓޫރިޒަމް ޒޯނުގެ ބިން، އެމްޑީޕީގެ ވެރިކަމެއްގައި އަލުން އައްޑޫ ސިޓީ ކައުންސިލާ ހަވާލުކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އައްޑޫގައި ޓޫރިޒަމް ފުޅާކުރުމަށް ހިތަދޫ ސަރަހައްދުން ކަނޑައެޅި ހާއްސަ ޒޯނު މުއިއްޒުގެ ސަރުކާރުން އަތުލީ އަމިއްލަ ފައި މައްޗަށް ތެދުވުމަށް އައްޑޫ ސިޓީއިން ކުރަމުންދާ މަސައްކަތްތައް އެއްކޮށް ހުއްޓުވާލުމަށް" ކަމަށެވެ.

ހަންކެޑެ މަޝްރޫއު ގެއްލުވާލުމަށް ފަހު އެންމެފަހުން ޓޫރިޒަމް ބިންތައް ވެސް އަތުލަމުން އެ ދަނީ ޓޫރިޒަމްގެ ސީދާ މަންފާ އައްޑޫގެ ރައްޔިތުންނަށް ލިބިދާނެތީ އެެ ކަމަށް ހުރަސް އެޅުމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ އެންގެވުމަށް އަތުލީ ހިތަދޫ ޓޫރިޒަމް ޒޯނުގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ 2.4 ކިލޯމީޓަރު ދިގު ބީޗަކާއެކު އޮތް 40 ހެކްޓަރުގެ ބިމެވެ.

އެއީ އެމްޑީޕީ ސަރުކާރުގައި ހިއްކި ބިމެކެވެ. ފައްޔާޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހުތައް ގެންނަނީ މިފަދަ ކަންކަން ކުރަން ކަމަށާއޮ މިއީ ރައްޔިތުންގެ ބިންތައް ފޭރިގަތުން ކަމަށެވެ.