ފެނަކަ ކޯޕަރޭޝަނުން ފުވައްމުލަކުގައި ފެނުގެ ހިދުމަތް ދޭން ބަހައްޓާފައިވާ ޕްލާންޓުން މިފަހަކަށް އައިސް އުފައްދާ ފެން ތަޣައްޔަރުވެފައިވާ މައްސަލަ ހައްލުކޮށްދިނުމަށް ސިޓީ ކައުންސިލުން ރައީސް މުހައްމަދު މުއިއްޒުގެ ކިބައިން އެދިއްޖެ އެވެ.

ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގު މިއަދު "ހުރިހާ" އަށް ވިދާޅުވީ ފެން ތަޣައްޔަރުވެ، ފެނުގެ ރައްކާތެރިކަމާމެދު ސުވާލު އުފެދިފައިވާ ކަމުގެ ކަންބޮޑުވުން ރައީސް މުއިއްޒުގެ ސަމާލުކަމަށް އިއްޔެ ގެނެސްފައިވާނެ ކަމަށެވެ.

މޭޔަރު ވިދާޅުވިގޮތުގައި އެ މައްސަލަ ދިމާވެފައި ވަނީ ފެން ޕްލާންޓަށް ބޭނުންވާ ކެމިލް ހުސްވެގެންނެވެ.

"ފުވައްމުލަކު ގައި ދޭތެރެ ދޭތެރެއިން ފެނުގެ މައްސަލަ ދިމާވޭ. އަޅުގަނޑުމެން ބޭނުންވަނީ މިކަމަށް ދާއިމީ ހައްލެއް،" މޭޔަރު ވިދާޅުވި އެވެ.

ފެނުގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައިވާ މައްސަލަ ޔުޓިިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ފުވައްމުލަކުގައި ކަރަންޓް ކެނޑުމުގެ މައްސަލަ ވެސް ދޭތެރެދޭތެރެއިން ދިމާވެ އެވެ. އެ މައްސަލައަށް ވެސް ދާއިމީ ހައްލެއް ގެނެސްދެއްވުމަށް ސިޓީ ކައުންސިލުން ވަނީ ރައީސްގެ ކިބައިން އެދިފަ އެވެ.