300 ކިލޯއަށް ވުރެ ގިނަ ޑްރަގު ބަރުކޮށްގެން ދިޔަ މަސް ބޯޓެއް ސްރީލަންކާ އިން އަތުލައިގެންފި އެވެ.
"ސީދޭވީ" ނަމަކަށް ކިޔާ އެ ބޯޓުން މަސްތުވާތަކެތި ބަރުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮވެގެން ކަމަށް ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް އެ ބޯޓަށް މަސްތުވާތަކެތި ބަރުކުރީ ރާއްޖޭގެ ކަނޑުގެ ސަރައްދުން ނޫން ކަމަށް ލަންކާގެ ފުލުހުން ކަށަވަރުކޮށްދީފައިވާ ކަމަށް ދިވެހި ފުލުހުން ބުންޏެވެ.
ލަންކާގެ ފުލުހުން ބުނީ އެ މައުލޫމާތު ލިބުނީ ލަންކާގެ ގޯލް ސިޓީގައި އެ އުޅަނދުގެ ވެރިފަރާތް ހައްޔަރުކުރުމަށް ފަހު ހިންގި ތަހުގީގެއްގެ ތެރެއިން ކަމަށެވެ.
ޑްރަގާ އެކު އަތުލައިގަތް ބޯޓަކީ މަސް ބޯޓެކެވެ. އެކަމަކު އެ އުޅަނދުގައި މަސްވެރިކަމުގެ އެއްވެސް ހަރަކާތެއް ހިންގާފައިނުވާ ކަމަށް ތަހުގީގުން ކަށަވަރުކުރެވޭ ކަމަށް ވެސް ލަންކާގެ ފުލުހުން ބުންޏެވެ.
މަސްވެރިކަން ކުރުމަށް، އުޅަނދުގެ ވެރިފަރާތުން އެެ ބޯޓު ހަވާލުކޮށްފައި އޮތީ އޭނާގެ ޅިޔަނަކާ އެވެ. ވެރިފަރާތާ ސުވާލުކުރުމުން އެ ބޯޓުން މަސްތުވާތަކެތި އެތެރެކުރާކަން އެނގިފައިިނުވާ ކަމަށް ބުނެފައިވާ ކަމަށް ލަންކާގެ ފުލުހުން ބުންޏެވެ.
ލަންކާގެ ފުލުހުން އެ ބޯޓު ފާސްކުރިއިރު، 250 ކިލޯއަށް ވުރެ ގިނަ ކްރިސްޓަލް މެތާއި 85 ކިލޯގެ ހެރޮއިން ފެނިފައިވެ އެވެ. ލަންކާ ފުލުހުން ލަފާކުރަނީ އެ ތަކެތީގެ މަގުމަތީ އަގު ފަސް ބިލިއަން ރުޕީސްއަށް އަރާނެ ކަމަށެވެ.
އުޅަނދުގެ ވެރިފަރާތް ހިމެނޭހެން އެ މައްސަލައާ ގުޅިގެން ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޑްރަގު ނެޓްވޯކުގެ ބޮޑަކީ ދުބާއީގައި އުޅޭ "ދިނުކާ" ކިޔާ މީހެއް ކަމަށް ލަންކާ ފުލުހުން ބުންޏެވެ.
			ކޮޅުވެއްޓި ހާދިސާ: އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި
		
			ހުޅުމާލެ ވަކި ސިޓީ ކައުންސިލެއް ހެދުމަށް އެދި ގަރާރެއް ހުށަހަޅަނީ
		
								
								