މީގެ 37 އަހަރު ކުރިން އަރާމު ނިންޖަކުން ނިދާފައި ތިބި ދިވެހިން ހޭލައްވާލީ އޭގެ ކުރިން ދިވެހިން ދުވަހަކު ވެސް އަޑު އަހާފައިނުވާ ފަދަ ބިރުވެރި އަޑަކަށެވެ.

ބަޑީގެ ވަޒަންތަކުގެ އަޑުން ދިވެހި މި ޖައްވު ގުގުމާލި އެ ދުވަހު މި ގައުމަށްޓަކައި ހިތްވަރުގަދަ ދިވެހި ދަރިންތަކެއް ގުރުބާންވި އެވެ. މިއަދަކީ އެ ދަރިންގެ ގުރުބާނީ ފާހަގަކުރާ އަހަރުމެންގެ ފަޚުރުވެރި ނަސްރުގެ ދުވަހެވެ.

މިއަދު އިސްވެ ދިޔަ މާޒީއަށް ފަސް އެނބުރި ބަލާލާއިރު ފެންނަން އޮތީ ކަނޑިއާއި ބަޑީގެ ބާރުން ގައުމެއް އަޅުވެތި ކުރަން ކުރި މަސައްކަތެވެ. ރޯމާ ދުވާލު އެންމެންގެ ލޯ ކުރިމަތީގައި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާ ކުޅެން މަސައްކަތްކުރި މަންޒަރެވެ.

އެ ދުވަހު ދުޝްމަނުންގެ އެ މަސައްކަތް ނާކާމިޔާބުވީ ހިތްވަރުގަދަ ދިވެހި ދަރިންތަކެއްގެ ގައުމީ ޖިހާދުންނެވެ. ބަރު ހަތިޔާރާއެކު ދިން ވަރުގަދަ ރައްދުންނެވެ.

އެހެން ނަމަވެސް އެ ދުވަސް ފާއިތުވެ ހިނގައްޖެ އެވެ. ދުޝްމަނުން ހަމަލާ ދޭން ކަނޑިއާއި ބަޑި ބޭނުންކުރި ދުވަސް މާޒީއާ އެކުވެއްޖެ އެވެ.

މިއަދުގެ ހާލަތު ވަރަށް ތަފާތެވެ. މިއަދު ދުޝްމަނުންގެ ހަމަލާތައް އަންނާނީ ކަނޑިއާއި ބަޑިއަކުން ނޫނެވެ. އެހެން ނަމަވެސް މިހާރު ކުރާ ޒަމާނީ ހަނގުރާމައަކީ ކަނޑިއާއި ބަޑިން ކުރި ހަނގުރާމައަށް ވުރެ ވެސް ވިހަގަދަ ނުރައްކާތެރި ހަނގުރާމައެއް ކަމުގައި ބުނެވިދާނެ އެވެ.

މިއަދު ދުޝްމަނުން ކުރަނީ ފިކުރީ ހަނގުރާމަ އެވެ. ފިތުނައާއި ދެކޮޅުވެރި ޝިއާރުތައް އަމާޒު ކުރަނީ ބޮޑުވަމުން އަންނަ ޅަ ސިކުނޑިތަކަށެވެ. އެގޮތުގެ މަތިން ދިވެހިންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ނަގާލައި ބަޣާވާތާއި ފިތުނަވެރިކަމުގެ ހުޅުކޮޅު އަންނަން އޮތް ޖީލުގެ ހިތްތަކަށް ވައްދަ އެވެ.

މިކަމަށްޓަކައި އެމީހުން ބޭނުންކުރާ އެންމެ ވަރުގަދަ އެއް އުކުޅަކީ ސޯޝަލް މީޑިއާ އެވެ. ބަވަނަ ވަމުން އަންނަ ދުނިޔޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހަބަރުތައް ހިނދުން ހިނދަށް ލިބެމުންދާ މި ޒަމާނުގައި ދުނިޔޭގެ މިސާލުތައް ދައްކައިގެން ދެކޮޅުވެރިކަމުގެ ޝިއާރުތައް މިފަަދަ މަންސިތަކުގައި ފަތުރަ އެވެ.

މި ހަނގުރާމައިގެ އެންމެ ނުބައި ކަމަކީ މިއީ ލޮލަށް ނުފެންނަ ކަންފަތަށް އަޑުނީވޭ ހަނގުރާމައެއް ކަމެވެ. މާޒީގައި ބާޣީން އަރާ ހަމަލާ ދިން މަންޒަރު ލޮލަށް ފެނި ކަންފަތަށް އަޑު އިވުނު ނަމަވެސް ފިކުރީ ހަނގުރާމައިގެ އަސަރު ޅަ ސިކުނޑިތަކަށް ކުރާ މަންޒަރެއް ނުފެންނާނެ އެވެ.

އެހެން ކަމުން ނަސްރުގެ ދުވަސް ފާހަގަކުރާ މި މުނާސަބަތުގައި މައިންބަފައިންނާއި މުދައްރިސުންގެ އިތުރުން ވެސް މުޖުތަމައުއްގެ ގޮތުގައި ދިވެހިން މަސައްކަތް ކުރަންވީ މި ފިކުރީ ހަނގުރާމައިން އަންނަން އޮތް ޖީލު ސަލާމަތް ކުރާށެވެ.

ނޮވެމްބަރު 3ގެ ބަތަލު ހުސައިން އާދަމަށް ދެވޭ ޝަރަފަކީ އެއީ އެވެ. އެންމެ ނޫކަށިފުރާ އުމުރުގައި ދިވެހި ގައުމަށްޓަކައި ގުރުބާންވި އެ ބަތަލުގެ ހައްގުގައި ވެސް މިއަދުގެ ދަރިންގެ ހިތްތަކުގައި ގައުމީ ރޫހު އާލާކުރަން ޖެހެ އެވެ.