މަޝްހޫރު ދިވެހި މިއުޒިކް ބޭންޑެއް ކަމަށްވާ "ޓޫ އޮފް އަސް"ގެ ކޮންސެޓެއް މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ބާއްވަން ހަމަޖެހިއްޖެ އެވެ.

ކޮންސިއާޖް ގްރޫޕް މޯލްޑިވްސްއިން "ޑްރީމް ބިޔޯންޑް ބޯޑާސް"ގެ ނަމުގައި މިމަހުގެ ހަތްވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެ ކޮންސެޓު އޮންނާނީ މެލޭޝިއާގެ ޕެޓަލިންގް ޖަޔާ ޕޯފާމިން އާޓްސް ސެންޓަރުގަ އެވެ.

މި ކޮންސެޓުގައި ޓޫ އޮފް އަސްއާއެކު ދުނިޔޭގެ ފެންވަރުގެ ވައަލިން އާޓިސްޓެއް ކަމަށްވާ މެލޭޝިއާގެ އިމްރާން އާޒިމް ވެސް ފެނިގެންދާނެ އެވެ.

މިއީ ދިވެހި ރާއްޖެއަށް ނިސްބަތްވާ މިއުޒިކް ބޭންޑެއް ރާއްޖެއިން ބޭރުގައި މިފަދަ ގޮތަކަށް ކޮންސެޓެއް ހުށައަޅައިދޭ ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެ އެވެ.

މި ކޮންސެޓަށް ދާން ބޭނުންވާ ފަރާތްތަކަށް ބަޓިކް އެއާއިން ހާއްސަ ޕްރޮމޯޝަނެއް ފަށާފައިވާއިރު ކޮންސެޓްގެ ޓިކެޓުތައް ޓޫއޮފްއަސްގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

މިއަހަރު ކުރީކޮޅު އިންޑިއާގެ ރިއަލިޓީ ޝޯއެއް ކަމަށްވާ ބެޓެލް އޮފް ދަ ބޭންޑްސްގައި ބައިވެރިވެ އެ ޝޯއިން ތިންވަނަ ލިބުނު "ޓޫއޮފްއަސް"އަކީ މިހާރު ރާއްޖޭގައި އެންމެ މަޝްހޫރު އެއް ބޭންޑެވެ.