ތާޕްސީ ޕަންނޫއަކީ ބޮލީވުޑްގެ އިތުރުން ވެސް ދެކުނު އިންޑިއާގެ ޓޮލީވުޑުން ވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކުޅަދާނަ އެކްޓަރެކެވެ.

ތާޕްސީއަކީ މޮޅު އެކްޓަރެއްގެ އިތުރުން މޮޑެލްއެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ ތަރިއެކެވެ. ހަމަ އެހެންމެ އޭނާގެ ކިބައިގައިވާ ބުރަ މަސައްކަތް ކުރުމުގެ މިޒާޖުންނާއި، ނުގުޑާ ހިތްވަރަކީ ގިނަ ބައެއްގެ ތައުރީފު ލިބިފައިވާ ކަމެކެވެ.

ތާޕްސީ އޭނާގެ ހަޔާތުގައި އެކްޓަރަކަށް އަދި މޮޑެލްއަކަށްވުމުގެ ކުރިން އެންމެ ފުރަތަމަ، މަސައްކަތް ކުރީ ސިވިލް އިންޖީނިއަރެއްގެ ގޮތުގަ އެވެ. އޭނާ ވަނީ ފިލްމީ ދާއިރާއަށް ވަނުމުގެ ކުރިން ކޮމްޕިއުޓާ ސައިންސް އެންޑް އިންޖިނިއަރިން އިން ތައުލީމު ހާސިލްކޮށްފަ އެވެ.

ހަމައެހެންމެ ގިނަ ބަޔަކަށް ނޭނގި އޮތް އަނެއް ކަމަކީ ތާޕްސީ، އޭނާގެ މަސައްކަތުގެ ތެރެއިން އެޕްލިކޭޝަނެއް ވެސް އުފައްދާފައިވާ ކަމެވެ.

"ފޮންޓް ސްވެޕް" ނަމަކަށް ކިޔާ އެޕްލިކޭޝަން ތާޕްސީއާ އޭނާގެ ދެ ރަހުމަތްތެރިންގެ މަސައްކަތުން ވުޖޫދަށް އައިސްފައިވާއިރު، މި އެޕަކީ، ފޯނުގައި އެކި ފޮންޓްތައް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެޕެކެވެ. އެޕާ ގުޅިގެން ތާޕްސީ ފާހަގަކުރިގޮތުގައި މިހާރު މިފަދަ އެތައް އެޕްލިކޭޝަނެއް އިންޓަނެޓުގައި ލިބެން ހުރެ އެވެ.

ތާޕްސީ އޭނާގެ ފިލްމީ ކެރިއަރު ފެށީ 2010ގެ ތަމަޅަ ފިލްމެއް ކަމަށްވާ "ޖުންމަންޑީ ނާޑަމް" އިންނެވެ. ބޮލީވުޑްގައި އޭނާގެ ފުރަތަމަ ފިލްމަކީ "ޗަޝްމޭ ބައްދޫރު" އެވެ.