ޕެންޝަން އޮފީސް މެދުވެރިކޮށް މި ސަރުކާރުން ފައިސާ ޗާޕު ކުރަން އުޅުމަކީ ހިންޏަށް ހަކުރު އޮޅުވާލަން އުޅުން ކަހަލަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ފައިސާ ޗާޕުނުކޮށް އިގްތިސާދު ހިފަހައްޓާނެ ކަަމަށް ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވީ ނަމަވެސް މި ސަރުކާރުން މިހާރު ވަނީ އޮޅުވާލައިގެން ފައިސާ ޗާޕު ކުރަން ނިންމައިފަ އެވެ.
ފައިސާ ޗާޕު ކުރަން އުޅެނީ މަރުކަޒީ ބޭންކުން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކޮށްގެންނެވެ.
އެއީ ފައިސާ ޗާޕު ކުރުން ނޫން ކަމަށް ސަރުކާރާ ގުޅުން އޮންނަ ފަރާތްތަކުން ބުނަމުންދަނިކޮށް އެ މައްސަލައިގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، ފައިސާ ޗާޕު ކުރަން މަސައްކަތް ކުރަނީ ހިންޏަށް ހަކުރު އޮޅުވާލަން އުޅޭ ކަހަލަ ގޮތަކަށް ކަމަށެވެ.
"ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރުމަކީ ހިންޏަށް ހަކުރު އޮޅުވާލަން އުޅުންކަހަލަ ކަމެއް. ވެރިކަމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހިތްވަރު ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންވާނެ،" އޭނާ ވިދާޅުވި އެވެ.
ފައިސާ ޗާޕު ކުރަން އުޅޭ މައްސަލައިގައި އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ޕެންޝަން އޮފީހުގެ ބޯޑަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޔަން ކުރި އަހްމަދު ސަރުވަޝް އާދަމް އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ސަރުކާރުން ފައިސާ ޗާޕު ކުރަން އުޅެނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އޭގެ ނުރައްކާ އިގްތިސާދަށް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސަރުކާރުން ފައިސާ ޗާޕު ކުރަން ނިންމުމުން އިދިކޮޅު އެމްޑީޕީ އިން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އެމްޑީޕީ އިން ބުނީ މުއިއްޒުގެ ސަރުކާރުން ފައިސާ ޗާޕު ކުރަން އުޅެނީ ގާނޫނާ ހިލާފަށް ކަމަށެވެ.
ސިނގިރޭޓް ވައްކަން: ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން ހައްޔަރު
"ލޯވްރޭ މިއުޒިއަމް"އިން ވަގަށް ނެގި ޖަވާހިރުތަކަށް ނަޒަރެއް!