އައްޑޫ ހިތަދޫގައި ރޭ ނިޔާވެފައި ތިއްބާ ފެނުނު ދެމަފިރިންގެ އޮޓޮޕްސީ ހެދުމާމެދު ގޮތެއް ނުނިންމޭތީ އެ މީހުންގެ ހަށިގަނޑު ވަޅުނުލެވި، ދިގުލައިގެން ހިނގައްޖެ އެވެ.

މަރުވެފައި އޮއްވާ އިއްޔެ ފެނުނީ އައްޑޫ، ހިތަދޫ، ކްރޭނުގޭ އިބްރާހިމް އަބްދުﷲ، 60، އާއި އައްޑޫ މަރަދޫ ނާރެސް، ފަރަހްނާޒް ރަޝީދު، 52، އެވެ.

އެނގިފައިވާ ގޮތުގައި އެ މީހުންގެ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމާ މެދު ފުލުހުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

އެ ދެ މީހުންގެ ހަށިގަނޑު އޮތީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ މޯޗަރީގަ އެވެ. އާއިލާއިން ބޭނުންވަނީ ޕޯސްޓްމޯޓަމް ނަހަދައި ވީހާވެސް އަވަހަކަށް ވަޅުލުމަށެވެ.

އެ ދެ މީހުން މަރުވެފައި އޮއްވާ ފެނުނީ ކޮޓަރީގެ ފާހާނާގެ ތެރެއިންނެވެ. ފިރިހެން މީހާގެ ބޯ ވަނީ ފަޅައިގެން ގޮސްފަ އެވެ. އަދި އަންހެން މީހާގެ ހަށިގަނޑުގައި ވެސް ކޮންމެ ވެސް ވަރެއްގެ ޒަހަމްތަކެއް ހުއްޓެވެ.

މަންޒަރު ދުށް މީހުން ލަފާކުރާގޮތުގައި އެ ދެ މީހުން މަރުވީ ފިރިހެން މީހާ މަސައްކަތެއް ކުރަން ހުއްޓައި ވެއްޓުމުން އޭނާ ނަގަން އަންހެން މީހާ ގުދުވެލި ވަގުތު ކަރަންޓްގައި ޖެހިގެން ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެކަމުގައި ތުހުމަތު ކުރެވޭ ކަމެއް ފާހަގަވެފައިނުވާ ކަމަށެވެ. އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެ ދެ މީހުން ދިރިއުޅޭ ގެއަށް ކަރަންޓް ދީފައި ވަނީ އަމިއްލަ ޖަނެރޭޓަރަކުންނެވެ.