ބޭންކް އޮފް މޯލްޑިވްސް އިން ލ. މާވަށުގައި ބްރާންޗެއްގެ ބިންގާ އަޅަފިއެވެ.
ބިންގާ އެޅުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ލ. ގަމާއި ފޮނަދޫގައި ގާއިމުކޮށްފައިވާ ބޭންކުގެ ބްރާންޗްތައް މެދުވެރިކޮށް، ބޭންކުން އަންނަނީ މިހާރުވެސް ލ. އަތޮޅުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 193 ސެލްފްސާވިސް ބޭންކިން ސެންޓަރު، 251 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.