އިދިކޮޅު އެމްޑީޕީން އޮކްޓޫބަރު 3 ގައި މާލޭގައި ބޭއްވި މުޒާހަރާއިން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހި އެންމެން ދޫކޮށްލައިފި އެވެ.

އެ އެންމެން ވެސް ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކުރުމަށްފަހު އެވެ. ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކުރި ނަމަވެސް މުޒާހަރާއިން ހައްޔަރުކުރި އެންމެންގެ ވެސް ބަޔާން ނަގައި ނިމިފައިވާ ކަމަށް އެމީހުންގެ ގާނޫނީ ވަކީލުން ބުންޏެވެ.

އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން އަށް މީހުން ފުލުހުން ހައްޔަރުކުރި އެވެ. އެހެންނަމަވެސް އޭގެތެރެއިން ބަންދުގެ މުއްދަތު ކޯޓުން ޖެހީ ހަ މީހުންނަށެވެ.

އެ މީހުން 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކުރީ އޮކްޓޫބަރު 4، ގަ އެވެ. އެ މުއްދަތު މިއަދަށް ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކޮށް ފުލުހުން އެދުނީ އިތުރު 15 ދުވަސް އެމީހުންގެ ބަންދަށް އިތުރު ކޮށްދިނުމަށެވެ. ނަމަވެސް ކޯޓުން ނިންމީ އެމީހުން ދޫކޮށްލުމަށެވެ.

މުޒާހަރާގެ ހައްޔަރީންގެ ތެރެއިން ކޯޓުން 15 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައި ވަނީ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އާއި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު އާއި އަލީ ޖުމާން އާއި އަޒްމީ އަލީ އަދި ހަސަން ޝާކިރު އެވެ.

މުޒާހަރާގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލީ އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހުސައިން ޒަރީރު އާއި މުހައްމަދު ހަލަފު އިބްރާހިމް އެވެ. ހަލަފު ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށެވެ. އަދި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް މާލޭން ބޭރަށް ނުދެވޭ ގޮތަށެވެ.

ގިނަ ބަޔަކު އެއްވި މި ބޮޑު މުޒާހަރާގެ ބައިވެރިން މަޖީދީ މަގުން ހިނގާފައި ދާން ދިމާކުރުމުން، ރަޔަޓު ގިޔަރުގައި ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށް، ޕެޕަ ސްޕްރޭ ޖެހި އެވެ. އަދި ފުރަތަމަ ފަހަރަށް ސޮނިކް ވެޕަން ބޭނުންކުރި އެވެ.

އެމްޑީޕީން ވަނީ ނޮވްމެބަރު 17، ގައި އަނެއްކާ ވެސް ބޮޑު މުޒާހަރާއެއް ބާއްވާނެކަން އިއުލާނުކޮށްފަ އެވެ.