ކުރީ ސަރުކާރުން 2019 ގައި އުފެއްދި ޑިސްޕިއުޓް ރިޒޮލިއުޝަން ކޮމިޓީން ބަދަލު ދިން މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރީގެ އެޑިއުކޭޝަން މިނިސްޓަރު، ޑރ. އައިޝަތު އަލީއަށް ކުރާ ތުހުމަތު ސާފުނުކޮށްދެވުނު ކަމަށް އޭނާގެ ގާނޫނީ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު އަލީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހްމަދު މައުރޫފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އައިޝަތު އަލީ މިއަދު އޭސީސީއަށް ހާޒިރުކޮށްގެން އޭނާއަށް ކުރާ ތުހުމަތު އެ ކޮމިޝަނަށް ސާފުކޮށްދޭން ގިނަ ވަގުތު ހޭދަވި ކަމަށެވެ.

އޭނާ ވިދާޅުވީ އައިޝަތު އަލީއަށް ކުރާ ތުހުމަތުގައި ބަދަލު ދޭން ލަފާދިން ކޮމިޓީގައި އިންނެވި ކަމަށް އޭސީސީން ބުނާއިރު އެއީ އެއްވެސް ގޮތެއް ނިންމި ކޮމިޓީއެއް ނޫން ކަމަށެވެ. އެ ކޮމިޓީގައި އައިޝަތު އަލީ ހުންނަވަނީ ދާއިމީ މެންބަރެއް ގޮތުގައި ނޫން ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

"ހަގީގަތުގައި އަޅުގަނޑަށް ފާހަގަކުރެވުނީ ސުވާލެއް ނުކުރެވޭ. އަޅުގަނޑަކަށް ހީއެއް ނުވޭ ކުރާ ތުހުމަތު އެބޭފުޅުންނަށް ސާފުވާހެނެއް. އެއީ ވަރަށް ގިނަ ވަގުތު ހޭދަވި ތުހުމަތު ސާފުކޮށްދޭން. އޭގައި އޮތް ދެ ކަމެއް އަޅުގަނޑުމެން ފާހަގަކުރިން، އެއް ކަމަކަށް ތުހުމަތުގައި އޮތީ ނުހައްގު ބަދަލެއް ދޭން ނިންމާފައި އޮތް ކަމަށް،" މައުރޫފް ވިދާޅުވި އެވެ.

އައިޝަތު އަލީއާ އޭސީސީން ކުރީ ވަރަށް އާދައިގެ އަދި މަދު ސުވާލުތަކެއްކަން ފާހަގަކުރައްވާ މައުރޫފް ވިދާޅުވީ ހުރިހާ ސުވާލަކަށް ވެސް ތަފްސީލުކޮށް ޖަވާބު ދެއްވި ކަމަށެވެ. ނަމަވެސް އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރުންނަށް މައްސަލަ ސާފުނުވާ ކަމަށް އޭނާ ތަކުރާރު ކުރެއްވި އެވެ.

އައިޝަތު އަލީގެ ލޯޔަރުންގެ ޓީމުގައި ހިމެނޭ އައިކް އަހްމަދު އީސާ ވިދާޅުވީ މީގެކުރިން ވެސް މައްސަލައާ ގުޅިގެން މައުލޫމާތު ބަޔާނެއް އޭސީސީން ނަގާފައިވާ ކަމަށާއި އޭރު ކުރި ސުވާލުތަކަށްވުރެ މިއަދު ކުރި ސުވާލުތައް މަދު ކަމަށެވެ.

އޭނާ ވެސް ވިދާޅުވީ އޭސީސީން އައިޝަތު އަލީގެ މައްޗަށް ކުރާ ތުހުމަތު ރަނގަޅަށް ސާފު ނުވާ ކަމަށާއި ވެރިން އަންގާފައި އޮތީމަ ތަހުގީގަށް ހާޒިރުކޮށް ސުވާލުކުރާ ކަމަށް ދޭހަވި ކަމަށެވެ.

"އިންވެސްޓިގޭޓިވް އޮފިސަރުންގެ މޫނުމައްޗަށް ބަލާލީމަ ވެސް އަޅުގަނޑަށް އެނގުނު އެއްވެސް ވަރަކަށް މައުރޫފްވެސް ފާހަގަކުރިހެން ތުހުމަތެއް އެބޭފުޅުންނަށް ވެސް ސާފެއް ނުވެއޭ. ތުހުމަތު އޮތްކަން ވެސް އެބޭފުޅުންނަށް ސާފެއް ނުވޭ. މަތިން އަންގާފައި އޮތީމަ މައްސަލައެއް ބަލަން ޖެހޭތީ ބަލަނީ. ސުވާލެއް ކުރަން ޖެހޭތީ ކުރަނީ،" އައިކް ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގައި ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލު ދިން މައްސަލައިގައި ކުރީގެ ތިން މިނިސްޓަރަކު ވަނީ އޭސީސީއަށް ހާޒިރުކޮށްފައެވެ. މީގެ ކުރިން، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ހާޒިރުކުރިއިރު މިއަދު ވަނީ ޢާއިޝަތު ޢަލީ ވެސް އޭސީސީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކަމަށް ބުނެ ސަރުކާރުން ކުރާ މަސައްކަތްތަށް ގިޔަރެއް މައްޗަށް ޖައްސާލާފައި މިވަނީ އިދިކޮޅު ސިޔާސީ ހަރަކާތް ފުޅާކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އެމްޑީޕީން ބުނަނީ ސަރުކާރުން މި ކަންކަން ކުރަމުން އަންނަނީ އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހުއްޓުވުމުގެ މަގުސަދުގައި ކަމަށެވެ. އަދި މިކަމުގައި ސަރުކާރަށް ވާގިވެރިވަނީ އޭސީސީން ކަމަށް އެ ޕާޓީން ތުހުމަތު ކުރެ އެވެ.